ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ޙަޤީޤަތްތައް ހާމަކޮށް، ދުނިޔޭގެ ސަމާލުކަން އަލުން ހޯދުމަށް "ދޭ ލައިޑް ޓު ޔޫ" ގެ ނަމުގައި ޑިޖިޓަލް ކެންޕޭނެއް ފަށައިފިއެވެ. ޔަހޫދީ ސިފައިން ޙިޞާރުކޮށްފައިވާ އެ ސަހަރުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލާފައި ނުވާކަމަށާއި، ރައްޔިތުންގެ ވޭނަށް ލުޔެއް ލިބިފައި ނުވާ ކަމުގައި ކެންޕޭން ހިންގާ ފަރާތްތަކުން ބުނެއެވެ.
ޖުލައި 16 ގައި ފެށި މި ކެންޕޭނުގައި ނޫސްވެރިންނާއި، އެހީދޭ ޖަމުޢިއްޔާތަކުގެ މެންބަރުންނާއި، ޣައްޒާގެ ރައްޔިތުންނާއި ކުޑަކުދިންގެ އިތުރުން އިންސާނިއްޔަތަށް ވަކާލާތުކުރާ އެކްޓިވިސްޓުން ބައިވެރިވެއެވެ. ވީޑިއޯތަކާއި ލިޔުންތައް މެދުވެރިކޮށް، ޔަހޫދީން ޣައްޒާގެ ރައްޔިތުން ޝަހީދުކުރަމުންދާ މަންޒަރުތަކާއި، ބަނޑުހައިހޫނުކަމުގެ ހިތްދަތި ޙާލަތު އެ މީހުން ދަނީ ދުނިޔެއަށް ހާމަކޮށްދެމުންނެވެ. މި ކެންޕޭނުގެ އަމާޒަކީ، 2025 އޮކްޓޯބަރު 10 ގައި ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވި ނަމަވެސް، ޢުދުވާނީ ޙަމަލާތަކާއި ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނެސްފައި ނުވާ ކަން ދުނިޔެއަށް ސާބިތުކޮށްދިނުމެވެ. އަދި، ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމުގައި ދެއްކުމަށް ޔަހޫދީން ފަތުރަމުންދާ ދޮގުތައް ސާފުކޮށްދިނުމެވެ.
ޤަތުލުޢާންމު މެދުކަނޑައިލުމަށް ފަހު ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އެއްބަސްވުމާ ޚިލާފަށް، ޔަހޫދީން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރުމަށް ވެސް ހުރަސް އަޅަމުންނެވެ. މީގެ އިތުރުން، ޣައްޒާގެ ބިމުގެ %70 އިންސައްތަ މިހާރު އޮތީ ޔަހޫދީ ސިފައިންގެ ކޮންޓުރޯލުގެ ދަށުގައެވެ. މިއީ ވެސް އެއްބަސްވުމާ ޚިލާފު ޖަރީމާއެކެވެ.
ޣައްޒާގެ މި ވަގުތުގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ސަހަރުގެ މަދަނީ ސަލާމަތާބެހޭ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބާސިލް ވަނީ، ގެދޮރަށް ބޮންއަޅައި، ފޭލިގެތަކަށް ޙަމަލާތައް އަމާޒުކޮށް، ކުޑަކުދިން ޝަހީދުކޮށް، ޢާއިލާތައް ހިތްދަތިކުރަމުންދާ ދިޔުމަކީ ޙަމަލާތައް މެދުކަނޑައިލުމޭ ބުނެވޭތޯ ސުވާލު އުފައްދަވާފައެވެ. އަދި، އެ ނޫން މޭރުމަކުން ދެއްކުމަށް ޔަހޫދީން އޮޅުވައިލަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ކެންޕޭނުގެ ތެރެއިން ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި ވާހަކަދެއްކި ކުޑަކުއްޖަކު ބުނީ ހަނގުރާމަ ހުއްޓައިލާފައިވާ ކަމުގައި ބުނެ ޔަހޫދީން ދޮގު ބުނަމުންދާ ކަމުގައެވެ. އަދި، ހަނގުރާމަ ހިނގަމުންދާ ކަމަށާއި، ހައިހޫނުކަމާއި، ގެދޮރު ސުންނާފަތި ކުރުމާއި، ބޮންއެޅުމާއި، ޢާއިލާތަކުގެ މެންބަރުން ޝަހީދު ކުރުން ހުއްޓައިލާފައި ނުވާ ކަމުގައެވެ.
ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްވި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 1,127 އަށް އުފުލިފައެވެ. އަދި، އިތުރު 3,643 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 2023 އޮކްޓޫބަރުގައި ފެށި ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދު 73,000 ފަހަނައަޅައި ގޮސްފައިވާއިރު، އިތުރު 173,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.