ޚަބަރު

އޭއީއެޗުގެ ފުރަތަމަ މެޑިކަލް އިންޓަރންޝިޕް ބެޗު ދަސްވެނިވެއްޖެ


  • ފުރަތަމަ ބެޗުން ދަސްވެނިވީ 4 ކުދިން

  • 2 ވަނަ ބެޗުގައި މިހާރު ތަމްރީން ހަދަމުންދަނީ 6 ކުދިން

  • 3 ވަނަ ބެޗަށް ވަނުމަށް ވަނީ ފުރުސަތު ހުޅުވާލާފައި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފުރަތަމަ އިންޓާންޝިޕް ބެޗު ނިމި، 3 ވަނަ ބެޗަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލުން ކުރިޔަށް ގެންދިޔަ މެޑިކަލް އިންޓާންޝިޕުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށާއި، 2 ވަނަ ބެޗުގެ ބައިވެރިން މިހާރުވެސް ތަމްރީންވަމުންދާ ކަމަށެވެ. އަދި މިހާރު 3 ވަނަ ބެޗަށް ކުދިން ހޮވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް މަދުވެގެން 1 އަހަރު ނުވަތަ 52 ހަފުތާގެ އިންޓަންޝިޕެއް ފުރިހަމަކުރަން ޖެހެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެމްއެމްޑީސީގެ މިންގަނޑުތަކާ އެއްގޮތަށެވެ.

އޭއީއެޗްއިން ބޭއްވި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވެފައިވާއިރު، މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށާއި، މެޑިކަލް އެޑިއުކޭޝަން ކުރިއެރުވުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރި މުހިންމު ކާމިޔާބީއެއް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، އިންޓާންޝިޕުގައި ދަސްވެނިވި ދަރިވަރުން ދެއްކި ހިތްވަރާއި، ކެތްތެރިކަމާއި އަދި ޕްރޮފެޝަނަލިޒަމަކީ އެ ފަރާތްތަކުން މި ދާއިރާއަށް ހުރި ޝައުޤުވެރިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ފެންވަރު ރަނގަޅު ކްލިނިކަލް ތަމްރީނު ފޯރުކޮށްދިނުމަށް އޭއީއެޗްއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށްވެސް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އިންޓާންޝިޕުގެ ފުރަތަމަ ބެޗުގައި ދަސްވެނިވެފައިވަނީ 4 ކުދިން ކަމަށެވެ. އަދި 2 ވަނަ ބެޗު ބައިވެރިންގެ ތަމްރީންތައް މިހާރު ކުރިޔަށްދާއިރު، އެ ބެޗުގައި 6 ކުދިން ތަމްރީންވަމުންދާ ކަމަށެވެ. މީގެއިތުރުން މިހާރު އިންޓާންޝިޕުގެ 3 ވަނަ ބެޗަށް ކުދިން ހޮވުމަށް ހުޅުވާލާފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

އިންޓާންޝިޕް ޕްރޮގްރާމުގެ ތިންވަނަ ބުރަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، ކުރިޔަށް އޮތް އޯގަސްޓް މަހުގެ 16 ވަނަ ދުވަސް ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑޮކްޓަރުން ތަމްރީނުކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށްވެސް އެކޮސްޕިޓަލުން ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.