ޚަބަރު

ޙަމާސްގެ ސިޔާސީ ވެރިޔާގެ މަޤާމަށް ޚަލީލް އަލް-ޙައްޔަ


ޙަމާސްގެ ސިޔާސީ އިސްވެރިޔާއަކީ ޚަލީލް އަލް-ޙައްޔަ ކަމަށް އެ ޖަމާޢަތުން އިޢުލާނުކޮށްފިއެވެ.

އަލް-ޙައްޔަގެ ކުރިން ޙަމާސްގެ ސިޔާސީ އިސްވެރިޔާގެ މަޤާމުގައި ހުންނެވީ ޔަޙްޔާ ސިންވާރުއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީން 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ސިންވާރު ޝަހީދުކޮށްލައިފައެވެ.

އަލް-ޙައްޔަ މީގެ ކުރިން ހުންނެވީ ޙަމާސްގެ ޣައްޒާ ގޮފީގެ އިސްވެރިޔާއެވެ. އޭނާއަކީ ޙަމާސްގެ އިސް ސަފުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. 2024ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އީރާނުން ސިންވާރުގެ ކުރިން ޙަމާސްގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި އިސްމާޢިލް ޙަނިއްޔާ އަވަހާރަކޮށްލުމުން ޙަމާސްގެ އިސް ސަފުގައި އަލް-ޙައްޔަ ޙަރަކާތްތެރިވެވަޑައިގަންނަވާ މިންވަރު ވަނީ އިތުރުވެފައެވެ. ޙަމާސްގެ ފަރާތުން މަޝްަވަރާތަކުގައި އެންމެ އިސްކޮށް މިހާރު ބައިވެރިވެވަޑައިގަންނަވަނީ އަލް-ޙައްޔައެވެ. 2025ވަނަ އަހަރުގެ ތެރޭގައި ޔަހޫދީން ޤަޠަރުގެ ދައުޙާގައި ދިން ޙަމަލާއެއްގައި އަލް-ޙައްޔަ ހިމެނޭ ގޮތަށް ޙަމާސްގެ އިސްވެރިންތަކެއް ޝަހީދުކޮށްލުމަށް މަސައްަކަތް ކޮށްފައިވެއެވެ.

ސިންވާރު ޝަހީދުވުމުން ޙަމާސްގެ އިސްވެރިޔާގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭަގައެވެ. އީރާންއާއި ލުބުނާނަށް ޙަމަލާދީ އެ ޤައުމުތަކާއެކު ޔަހޫދީން ހަނގުރާމަ ފެށުމުގެ ސަބަބުންނާއި ޔަހޫދީން ޣައްޒާއަށް ކެނޑިނޭޅި ޙަމަލާތައް ދެމުންދާތީ އެ މަސައްކަތަށް ހުރަސްއެޅި އިތުރަށް އެ މަރުހަލާ ވަނީ އިތުރަށް ދިގުދެމިގެންގޮސްފައެވެ.

ޙަމާސްގެ އިސްވެރިޔާގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރަނީ 50 މެންބަރުންގެ މައްޗަށް އެކުލެވޭ ޙަމާސްގެ ކައުންސިލަކުންނެވެ. އެއީ ޣައްޒާއާއި ޔަހޫދީން އިސްތުޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ ޙަމާސްގެ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލްގައި ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ޙަމާސްގެ މެންބަރުން ވެސް ހިމެނެއެވެ.