ޚަބަރު

ސަބްސިޑީއަށް ކުރި ޚަރަދު 3.13 ބިލިޔަނަށް


  • އެންމެ ބޮޑު ޚަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

  • މިދިޔަ އަހަރު ސަބްސީޑީއަށް 1.7 ބިލިޔަން ރުފިޔާ ޚަރަދުކުރި

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ސަބްސިޑީއަށް ކުރި ޚަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.

މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 86 އިންސައްތަ އިތުރު އަދަދެކެވެ.

އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދަށްވުރެ އަގު ހެޔޮކޮށް ރައްޔިތުންނަށް މިފަދަ ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަގުތައް ހުންނަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ދިނުމަށް ހިނގާ ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެއެވެ.

މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ރިޕޯޓު'އިން ދައްކާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ސަބްސިޑީއަށް ކުރި ޚަރަދު ވަނީ، 3.13 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ކުރި ޚަރަދާއި އަޅާބަލާއިރު 86 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތުން ސަބްސިޑީއަށް 1.7 ބިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުން ކަމަށެވެ. އެގޮތުން މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ތެލުގެ ސަބްސިޑީއަށް ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ތެލުގެ ސަބްސީޑީއަށް 1.8 ބިލިޔަން ރުފިޔާ ވަނީ، ޚަރަދުކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ތެލުގެ ސަބްސީޑީއަށް ޚަރަދުކުރި 702.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 61 އިންސައްތަ އިތުރު އަދަދެކެވެ. މި ޚަރަދު އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ، މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި މުއްދަތުގެ ތެރޭގައި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު 341.3 މިލިޔަން ރުފިޔާއިން 626.7 މިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އަދި ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ޚަރަދު 33.9 މިލިޔަން ރުފިޔާއިން 90.6 މިލިޔަން ރުފިޔާއަށް މަތިވެފައިވާއިރު، ދަތުރުފަތުރުގެ ސަބްސިޑީއަށް ކުރި ހޭދަ ވަނީ، 128.5 މިލިޔަން ރުފިޔާއިން 201.6 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަވެސް ވަނީ، 199.4 މިލިޔަން ރުފިޔާއިން 243.9 މިލިޔަން ރުފިޔާއަށް އަރާފައެވެ.

ގިނަ ދާއިރާތަކުން ސަބްސިޑީގެ ޚަރަދު އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ، 207.4 މިލިޔަން ރުފިޔާއިން 83.1 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިޔަން ރުފިޔާގެ ޚަރަދަށް މިދިޔަ ހަފުތާގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން ސަބްސިޑީ ދެނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަކެއްޗާއި ޚިދުމަތްތައް ދިނުމަށް ހިނގާ ޚަރަދާއި، ކޮންޓްރޯލް އަގުގެ ފަރަގު ފޫބެއްދުމަށެވެ. 2026 ވަނަ އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި މުޅި ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ، ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް ކުރި ޚަރަދު ކަމަށްވެސް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.