ޚަބަރު

ދިރާގުގެ 2ވަނަ ސްޕީޑްބޯޓު ނަސީބުވެރިޔާއާ ހަވާލުކޮށްފި


  • އިނާމު ލިބިފައިވަނީ ކ. މާލެ، މުޙައްމަދު ޔޫސުފްއަށް

  • މިއީ 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް

ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން" ގެ ދެވަނަ ނަސީބުވެރިޔާއަށް އިނާމު ހަވާލުކޮށްފިއެވެ. މި ނަސީބުވެރިޔާއަށް އިނާމު ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަހަރުގެ ޖަނަވަރީ މަހު ހޮވާފައިވާއިރު، މިއަދު ވަނީ ދެވަނަ ސްޕީޑްބޯޓު ލިބުނު ނަސީބުވެރިޔާއާ އިނާމު ރަސްމީކޮށް ހަވާލުކޮށްފައެވެ. އިނާމު ލިބިފައިވަނީ ކ. މާލެ މުޙައްމަދު ޔޫސުފްއަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދިޔައިރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއިން ވަނީ ހުރިހާ ކަމެއް ވަރަށް ގާތުން ބަލާފައިކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވަހާކަދައްކަމުން ސްފީޑް ބޯޓު ލިބުނު ޔޫސުފް ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވޭނެ ކަމަށް އެހާ ބޮޑަށް އުންމީދު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އިނާމު ލިބުނު ވާހަކަ އެނގުމާއެކު ވަރަށް ބޮޑަށް އުފާވި ކަމަށް އޭނާ ބުނިއެވެ.

"ވަރަށް އުފާވި ހަމަ. ލިބުން ވާހަކަ ބުނެފައި އެކޮޅަށް އަންނާށޭ ބުނީމަވެސް ސިކުންތުކޮޅެއް ނެގި ހަމަ އުފާވެެރިކަމުން އެއްކޮށް ރިއާލިޓީއަށް އަންނަން. ދެން ހަމަ ދިރާގުން ގުޅީމަވެސް ފުރަތަމަ އަސްލު ހިޔެއް ނުކުރަން މިކަހަލަ ކަމެއްގައެކޭ. އެހެންވެ ވަރަށް ފޯނު ނުނަގަން ހުރެފަވެސް ހަމަ ނެގީމަ އެނގުނީ." ޔޫސުފް ބުނިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދީފައިވަނީ އަލް ޝާލީ މެރިންގެ ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ދޫކުރި މި ބޯޓަކީ އެކި ބޭނުންތަކަށް ފަރުމާކޮށްފައިވާ، ގާތްގަނޑަކަށް 1.1 މިލިޔަން ރުފިޔާގެ އަގުހުރި ބޯޓެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން މީގެ ކުރިން ކުރިއަށްގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަނާއި އަދި މި ސްޕީޑްބޯޓު ޕްރޮމޯޝަނަކީވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތްތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.