ޚަބަރު

ބްރެޒިލްގެ ޑޮރިއެލްޓަން ނިއުއަށް: މުސާރަ މަހަކު 350،000 ރުފިޔާ


  • ޑޮރިއެލްޓަން ވަނީ ލީގުގެ މޮޅު ކުޅުންތެރިޔާ، ޓޮޕް ސްކޯރަރ އެވޯޑު ހޯދާފައި

  • ޑޮރިއެލްޓަންއަކީ ސަރަހައްދީ ފެންވަރުގައި ޑިމާންޑު ބޮޑު ކުޅުންތެރިއެއް

ބަންގްލަދޭޝް ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ އެ ލީގުގެ ބަޝުންދަރާ ކިންގްސްއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ، ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.

އޭނާގެ އިތުރުން ބައެއް އެހެން ކުޅުންތެރިންވެސް ނިއުއާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އައު ސީޒަނުގައި ނިއުގެ ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިން ތިބޭނެއެވެ. އެއީ ބްރެޒިލްގެ ދެ ކުޅުންތެރިންނާއި ލައިބީރިއާގެ ދެ ކުޅުންތެރިއެކެވެ. މީގެތެރެއިން ލައިބީރިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިންނަކީ އެ ޤައުމުގެ ޤައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިއެކެވެ.

މީގެތެރެއިން ލައިބީރިއާގެ އަބްދުﷲ ބިލިޓީގެ އިތުރުން ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާ އަކީ މިދިޔަ ސީޒަނުގައިވެސް ނިއުގެ ޖާޒީގައި ފެނިގެންދިޔަ ކުޅުންތެރިންނެވެ.

އަލަށް އެ ޓީމުގެ ސްކޮޑާ ގުޅުނީ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯގެ އިތުރުން ލައިބީރިއާގެ އަލްބާޓް ކޭ ސްވަންއެވެ.

ނިއުއާ އަލަށް ގުޅުނު ޑޮރިއެލްޓަން އަކީ ބްރެޒިލްގެ އެންމެ މަތީ ޑިވިޝަންގައި ކުޅޭ ފްލުމިނެންސްއިން 2008 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އެފަހުން ލޯނު އެއްބަސްވުމުގެ ދަށުން ބްރެޒިލްގެ އެހެން ބައެއް ޓީމުތަކާއި ޗައިނާގެ ބައެއް ޓީމުތަކުން ވެސް ޑޮރިއެލްޓަން ފެނިގެން ގޮސްފައިވެއެވެ.

ޗައިނާގައި ގިނަ ދުވަސްތަކެއް ވަންދެން ކެރިއަރުގެ ބޮޑުބައެއް ހޭދަކުރުމަށްފަހު ޑޮރިއެލްޓަން ބަންގްލަދޭޝްގެ ޓީމުތަކަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ބަޝުންދަރާ ކިންގްސްއަށް ލީގު ޓައިޓަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑޮރިއެލްޓަން ވަނީ އިންޑިއާގެ ފޯސާ ކޮޗީ އެފްސީ އަދި އޮޑިޝާ އެފްސީއަށް ވެސް ކުޅެފައެވެ.

ބަޝުންދަރާއާއެކު ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 71 މެޗުން 69 ލަނޑު ކާމިޔާބުކޮށްދީފައެވެ. ބަޝުންދަރާއަށް 2020ގައި ބަދަލުވުމަށްފަހު އޭނާ ފޯސާ ކޮޗީއަށް ބަދަލުވީ 2024 ވަނަ އަހަރުއެވެ. އެފަހުން އޮޑިޝާއަށްވެސް ކުޅެ، 2025 ވަނަ އަހަރު އެނބުރި ބަޝުންދަރާއަށް ބަދަލުވިއެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، ޑޮރިއެލްޓަން ބަޝުންދަރާއަށް ކުޅެމުން ދިޔައީ 13،000 ޑޮލަރުގެ މަހު މުސާރައެއް ލިބޭ ގޮތަށް ކަމަށެވެ. ނިއުއިން ފުޓުބޯޅައިގެ އެންމެ އުހަށް އެރުމަށް ކުރަމުން އަންނަ މަސައްކަތުގައި "ނަމްބަރ 9" އެއް ހޯދާއިރު، ޑޮރިއެލްޓަން އަކީ އެކަމަށް އެންމެ ގާބިލް ކުޅުންތެރިޔާގެ ގޮތުގައި ދެކޭތީ އޭނާ އެ ކުލަބަށް ގެނައީ އެއަށްވުރެ ބޮޑު މުސާރައެއްގައިކަން މުބީން ފާހަގަކުރެއްވިއެވެ.

އަދި މުސާރައާއި އިނާޔަތްތައް ހިމެނޭހެން ގާތްގަނޑަކަށް 350،000 ރުފިޔާގެ މަހު މުސާރައެއް ޑޮރިއެލްޓަންއަށް ލިބޭނެކަމަށް މުބީން ވިދާޅުވިއެވެ.

ވަރުގަދަ ސްކޮޑަކާއެކު ނިއުރޭޑިއަންޓުން އައު ސީޒަން ފަށަން ތައްޔާރުވަމުން އަންނައިރު އެ ޓީމުގެ އަމާޒަކީ އަންނަ ސީޒަނުގައި ދިވެހި ފުޓުބޯޅައިގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމެވެ. އެ މަސައްކަތުގައި ދިވެހި ބައެއް އައު ކުޅުންތެރިންގެ ސޮއިވެސް އެ ކުލަބުން ވަނީ ހޯދާފައެވެ.