ޚަބަރު

ސިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ކިއުބާއާއެކު މަޝްވަރާކޮށްފި


  • މި މަޝްވަރާތައް ބޭއްވީ ކިއުބާގެ ސަފީރު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި

ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ކުރިއެރުންތައް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ކިއުބާއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރެއްވީ، ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު ޤަބޫލުފުޅު ކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކިއުބާގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

މީގެއިތުރުން އދގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންދާ އެއްބާރުލުމަށް ކިއުބާގެ ސަފީރު ވަނީ، ޝުކުރު އަދާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ، ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ، 29 ޖަނަވަރީ 1977 ގައެވެ.