ޚަބަރު

ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރި ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި


ވައިގެމަގުން ރާއްޖެއަށް އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.


ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި، ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ)ގެ އިތުރުން ދިވެހި އިތުރު ފިރިހެނެކެވެ.

މި މީހުންގެ ތެރެއިން ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2024 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އޭނާގެ ހަށިގަނޑުން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލާގައި ހިމެނޭ އިބްރާހީމް އަތޫފްއާއި އަނެއް ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ، އެންޑްރޫއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީއެވެ. މި ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޖުލައި 20 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލާގައި ދެން ހިމެނޭ ދިވެހި މީހާ ވަނީ ބައެއް ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.