ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ ދެ ޓޭންކަރަކަށް، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ހަމަލާދިނުމާއެކު މަސްރަޙު އިތުރަށް ގޯސްވެއްޖެއެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށްފައިވާ ކަން އެ ޖަމާޢަތުން އިޢުލާނުކުރި ފަހުން، ރަތް ކަނޑާއި ބާބް އަލް-މަންދަބް ކަނޑުއޮޅީގައި ދީފައިވާ މި ފަދަ ފުރަތަމަ ހަމަލާތަކެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި ޙޫޘީން ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރުމާއެކު، ތެލުގެ ސަޕްލައިއަށް މި ވަނީ ވަރަށް ބޮޑު ހުރަހެއް ކުރިމަތިވެފައެވެ. މި ވަގުތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނާ ދެކޮޅަށް ޢުދުވާނީ ހަމަލާތައް ދެމުންނެވެ.
ރައްދުގައި އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވެސް ދަނީ، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. އައިއާރްޖީސީގެ އެންމެ ފަހުގެ ހަމަލާތައް އަމާޒު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ކުވައިތާއި ބަޙްރައިންގެ އިތުރުން އުރުދުން ހިމެނެއެވެ. ގިނަ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހަތިޔާރާއި އުޅަނދުފަހަރަށެވެ. އެމެރިކާގެ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުދަލާއި ޚިދުމަތުގެ އަގުގެ އިތުރުން ތެލުގެ އަގު ދަނީ އުފުލެމުންނެވެ. އެމެރިކާގައި ވެސް ތެލުގެ އަގު އުފުލެމުންދާއިރު، މިއީ ރިޔާސީ ދައުރުގެ މެދުތެރޭގައި ނޮވެންބަރު މަހު ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ މުހިންމު އިންތިޚާބުގައި ޓްރަމްޕަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. މި ދަނޑިވަޅުގައި، ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަން ޙޫޘީން އިޢުލާނުކުރުމާއެކު، އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރު ތާށިވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ހުރްމުޒުން ދަތުރުކުރާ އުޅަނދަކަށް އައިއާރްޖީސީން ދޭ ކޮންމެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ބުރިޖު ފަދަ މަދަނީ ބިނާރާއި އިންޖީނުގެ ފަދަ ޢާންމުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ހަމަލާދޭނެ ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، އެ ފަދަ ވަސީލަތްތަކަށް ގަސްދުގައި ހަމަލާދިނުމަކީ ޖެނީވާ މުޢާހަދާގެ ދަށުން މަނާކޮށްފައިވާ ހަނގުރާމައިގެ ކުށެކެވެ. މި ފަދަ އިންޒާރެއް ދިނުމަކީ ވެސް ކުށެކެވެ. ރައްދުގައި ތެހްރާނުން ބުނީ، އީރާންގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފި ނަމަ، ގަލްފުގެ ޤައުމުތަކުގައި ހުރި އެ ފަދަ ވަސީލަތްތަކަށް ވެސް ރައްކާތެރިކަމެއް ނޯންނާނެ ކަމުގައެވެ.
ފެބުރުވަރީ 28 ގައި ޔަހޫދީންނާ ގުޅިގެން ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ފާއިތުވި 12 ދުވަހު އެމެރިކާއިން ދީފައިވާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 53 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 592 އަށް އަރައެވެ. މުޅި ހަނގުރާމައިގެ ތެރެއިން އިރާނުން ދީފައިވާ ރައްދު ހަމަލާތަކުގައި އެމެރިކާގެ 18 ސިފައިން މަރަައިލާފައިވާއިރު، 450 އެއްހާ އިސްތިޢުމާރީ ސިފައިން ވަނީ ޒަޚަމު ކޮށްލާފައެވެ.