ޚަބަރު

ގާޑިއޯލާގެ ކުރިން އެންޗެލޯޓީ އާއި ވާހަކަ ދެއްކިން: މަލްޑީނީ


  • އެންޗެލޯޓީވަނީ ބްރެޒިލް ޓީމު ދޫކޮށްލަން ބޭނުންނުވާކަން ހާމަކޮށްފަ

އިޓަލީގެ ޤައުމީ ޓީމަށް އާ ކޯޗެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތް ތަކުގެ ދަށުން ޕެޕް ގާޑިއޯލާ އާއި މަޝްވަރާތައް ފެށުމުގެ ކުރިން ބްރެޒިލް ޤައުމީ ޓީމުގެ މިހާރުގެ ކޯޗު ކާލޯ އެންޗެލޯޓީ އާއި މަޝްވަރާކުރިކަމަށް ޕައުލޯ މަލްޑީނީ ބުނެފިއެވެ.

އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމާއި ދާދިފަހުން ހަވާލުވި މަލްޑީނީ ބުނީ ޕެޕް އާއި މަޝްވަރާތައް ފެށުމުގެ ކުރިން އިޓަލީވިލާތުން އެންޗެލޯޓީ އާއި މަޝްވަރާކުރިކަން މިއީ ފޮރުވޭނެކަމެއް ނޫންކަމަށެވެ. އަދި ކޮންމެ ކަމަކަށް ފަށާއިރުވެސް ދުނިޔޭގެ އެންމެ މޮޅު މީހުންގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި މަލްޑީނީ ފާހަގަކުރިއެވެ.

އިޓަލީގެ ޤައުމީ ޓީމާއި އޭސީ މިލާންގައިވެސް މަލްޑީނީ އާއެކު މަސައްކަތް ކޮށްފައިވާ އެންޗެލޯޓީވަނީ ބްރެޒިލް ޤައުމީ ޓީމާއި މިދިޔަ އަހަރުގެ ތެރޭގައި ހަވާލުވެފައެވެ. އަދި މިއަހަރުގެ މެއި މަހުވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އެމަގާމުގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓްވެސް އާކޮށްފައެވެ.

ބްރެޒިލްވަނީ އެންޗެލޯޓީގެ ކޯޗުކަމުގެ ދަށުން ނިމިގެންދިޔަ ވޯލްޑް ކަޕްގައިވެސް ކުޅެފައެވެ. ބްރެޒިލްގެ މީޑިއާތަކުން ހާމަކުރާގޮތުގައި އެންޗެލޯޓީވަނީ އިޓަލީގެ ހުށަހެޅުން ގަބޫލް ނުކޮށްދޫކޮށްލައިފައެވެ. ބްރެޒިލްގެ ޤައުމީ ޓީމު ދޫކޮށްދާން އެންޗެލޯޓީ ބޭނުން ނުވާކަމަށް ބްރެޒިލްގެ މީޑިއާތަކުން ހާމަކުރެއެވެ. އަދި ބްރެޒިލްގެ ފުޓްބޯލް ކޮންފެޑެރޭޝަންއިންވެސް ވަނީ އެންޗެލޯޓީ ބްރެޒިލް ޓީމާއި ދުރައް ނުދާނެކަން ހާމަކޮށްފައެވެ.

މިހަފްތާގެ ކުރީކޮޅު އިޓާލިއަން ފެޑެރޭޝަންގެ ރައީސް ޖިއޮވާނީ މަލާގޯވަނީ އެފަރާތުން ޕެޕް އާއި މަޝްވަރާކުރުންތައް ފަށާފައިވާކަން ހާމަކޮށްފައެވެ. އިޓަލީވިލާތުގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި ޕެޕް އިޓަލީވިލާތުގެ ޓީމާއި ހަވާލުވާނަމަ އަހަރަކަށް 20 މިލިއަން ޔޫރޯގެ މުސާރައެއް ދިނުމަށްވަނީ ހުށަހަޅައިފައެވެ. މިއީ ބުނެވޭގޮތުގައި އިޓާލިއަން ފެޑެރޭޝަނަށް ދެވެން އޮތް މުސާރައިގެ ދެބައިކުޅަ އެއްބައި ބޮޑު އަދަދެކެވެ.

މަޢުލޫމާތުލިބޭގޮތުގައި މަލްޑީނީ އަންނަނީ ކުރިއަށް އޮތް ހަފްތާ ނިމުމުގެ ކުރިން އިޓަލީވިލާތުގެ ޤައުމީ ޓީމަށް އާކޯޗެއް އަންޔަން ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެ ބޮޑު އިންކަމެއް ދެމުންދަނީ އެމަގާމަށް ރަނގަޅު ކޯޗެއް ހޯދުން ކަމަށްވެއެވެ. ޕެޕްގެ އިތުރުން މިމަގާމަށް ދެން ވާދަކުރާ ކޯޗުންގެ ތެރޭގައި އެންޓޯނިއޯ ކޮންޓޭ، ރޮބާޓޯ މަންޗީނީ އަދި އަންދުރެއާ ޕީރްލޯ ހިމެނެއެވެ.