ފަލަސްޠީނުގެ ނަސްލުހޭދަ ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު ފަލަސްޠީނުގެ ޣައްޒާގެ އުތުރަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ސިއްޙީ އިދާރާތަކުން ބުނެފިއެވެ.
މީގެ އިތުރުން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ބަޑިޖަހައި ފަލަސްޠީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔަހޫދީންގެ އަސްކަރިއްޔާއިން ބުނަމުންދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ފަލަސްޠީނުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ގެ ހަނގުރާމަވެރިންނަށް ޢަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، އެމެރިކާގެ ފުރިހަމަ ތާޢީދާއެކު ދެމުންދާ މި ހަމަލާތައް އަމާޒުކުރަމުންދަނީ އާންމުން ދިރިއުޅޭ ތަންތަނަށެވެ.
ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށްފަހު ވެސް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 1,160 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ. ފަލަސްޠީނުގެ ސިއްހީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މި ހަމަލާތަކުގައި ޝަހީދުވާ މީހުންގެ ބޮޑު އިންސައްތައަކީ ކުށެއްނެތް އާންމު ރައްޔިތުންނެވެ.
މީގެއިތުރުން، ހުޅަނގު އައްސޭރީގެ އަވަށެއްގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން ފަލަސްޠީނުގެ ރަސްމީ ނިއުސް އެޖެންސީ "ވާފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއާއި ޔަހޫދީންގެ ހަރުކަށި ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާދިނީ އެ ސަރަޙައްދުގައި ރޯވި އަލިފާންގަނޑެއް ނިއްވަން އުޅުނު ވަގުތެއްގައެވެ.
މި ޙާދިސާގައި ޔަހޫދީ ވަޒަންވެރިއަކު ފަލަސްޠީނުގެ ދެ މީހަކު ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާއިރު، އެހެން ޙާދިސާއެއްގައި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ ތިންވަނަ މީހަކު ޝަހީދުކޮށްލާފައެވެ.
ޔަހޫދީން ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އާބާދީތައް ބިނާކުރުން އިތުރުކޮށް، ވަޒަންވެރިން ހިންގާ ޢުދުވާންތައް ވަރުގަދަކުރުމާ ގުޅިގެން ހުޅަނގު އައްސޭރީގެ މަސްރަޙު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
މިގޮތުން، މިއަދު ވެސް ހުޅަނގު އައްސޭރީގައި ޔަހޫދީން ވަނީ ބަޑިޖަހައި، ފަލަސްޠީނުގެ އިތުރު ހަތަރު މީހުން ޝަހީދުކޮށްލައިފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަކުން ދެކޭގޮތުގައި، ހުޅަނގު އައްސޭރީގައި ޔަހޫދީން ބިނާކުރަމުންދާ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެކެވެ. ނަމަވެސް ޔަހޫދީން ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މި ނިންމުންތަކަށް ގޮންޖަހައި، ފަލަސްޠީނުގެ އިތުރު ބިންތައް ފޭރެމުންނެވެ.