ޚަބަރު

ބަންގްލަދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި


ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން، މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވީ، އޭނާ ތަފާތު ސިއްހީ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިވަގުތު އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށް "ދަ ޑެއިލީ ސްޓާ" ނޫހަށް އޭނާ މައުލޫމާތު ދެއްވިއެވެ.

ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ސަރުވަރު އާލަމް ވިދާޅުވި ގޮތުގައި، ޝަހާބުއްދީންގެ އިސްތިއުފާގެ ސިޓީއާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޙާފިޒު އުއްދީން އަޙްމަދު ހަވާލުވެވަޑައިގަތީ މިއަދު ހަވީރު، ރާއްޖެ ގަޑިން 16:01 ގައެވެ.

ޚަބަރުތައް ބުނާގޮތުގައި، ޝަހާބުއްދީން މަގާމުން އިސްތިއުފާ މިދެއްވީ، މިއަހަރުގެ މެއި މަހު ބޭސްފަރުވާއަކަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި، މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ލަންޑަނަށް ދަތުރުކުރެއްވީ މެއި މަހުގެ 9 އިން 18 އަށެވެ. ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޝައިޚް ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ.

މުޙައްމަދު ޝަހާބުއްދީން ބަންގްލަދޭޝްގެ 22 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީ 24 އޭޕްރީލް 2023 ގައެވެ. އޭރު އޮތް އަވާމީ ލީގުގެ ފަރާތުން ރައީސްކަމަށް ކުރިމަތިލެއްވި ޝަހާބުއްދީން އެ މަގާމަށް އިންތިޚާބުވީ، އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން، 13 ފެބްރުއަރީ 2023 ގައި އެއްވެސް ވާދައަކާނުލައެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންފައިވާ ޝަހާބުއްދީނަކީ 2006 ވަނަ އަހަރު ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖްގެ މަގާމުން ރިޓަޔަރ ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ 2011 އިން 2016 އަށް އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮމިޝަނަރުކަން ވެސް ކުރައްވާފައެވެ.

ސިޔާސީ މައިދާނަށް ބަލާއިރު، ޝަހާބުއްދީން ވަނީ ޕަބްނާ އެޑްވަރޑް ކޮލެޖުގެ ޗާޓްރާ ލީގުގެ ޖެނެރަލް ސެކްރެޓަރީކަމާއި، ޕަބްނާ ޑިސްޓްރިކްޓް ޗާޓްރާ ލީގުގެ އިތުރުން ޖޫބޯ ލީގުގެ ރައީސްކަން ވެސް ކުރައްވާފައެވެ.