ޚަބަރު

ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް


  • ޤާނޫނުގެ މަސައްކަތް ފެށިކަން ހާމަކުރީ އޭޕްރިލް މަހު

  • ސްޓޭކް ހޯލްޑަރުންނާއި ދަނީ މަޝްވަރާ ކުރަމުން

ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާ "އެންޓި ބުލީ ޤާނޫނު"އަށް ބޭރުގެ ލަފާ ހޯދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެންޓި ބުލީގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓިބުލީން ޤާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސއްކަތެއް ކަމަށެވެ. އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.

"ބުލީގެ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވޭ. ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަން ޤާއިމްކޮށް ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރޭ." ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށާއި، ނަފްސާނީ ފަރުވާ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ، ފަރުވާގެ ނިޒާމް އާއްމުންނަށް ބަރޯސާވެވޭފަދަ ނިޒާމަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހުމަކީ، އެފަދަ ހާލަތްތައް ތަހައްމަލު ކުރާ މީހުންނަށް ލިބުނު ލުޔެއްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުވަނީ، ދެއްވާފައެވެ.

ބުލީކުރުން ފަދަ މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ފަރުވާ ހޯދައިދިނުމުގެ އިތުރުން، ބުލީކުރާ މީހާއާއި ބުލީގެ ޝިކާރައަކަށްވާ މީހާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންޓިބުލީގެ ޤާނޫނަކީ، ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ. އެ ގާނޫނުގައި ބުލީއާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ހުރިހާ ކަމެއް ބަޔާންކުރާނެ ކަަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ޤާނޫނު މެދުވެރިކޮށް ބުލީ ކުރުމާ ގުޅޭ މައުލޫމާތުތައް ޚާއްސަ ނިޒާމެއްގެ ދަށުން ޤަވާއިދުން ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސާނެއެވެ. އަދި ސްކޫލުތަކުގެ ރަސްމީ މަންހަޖުގައި ބުލީގެ ތަފްސީލީ މައުލޫމާތު ހިމަނަން އެ ބިލުގައި ހިމަނާނެކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ.