ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ދިއްދޫ ސްޕޯޓްސް ކުލަބުން ނުކުންނައިރު، މި މެޗު އެތައް ގޮތަކުން ދިއްދޫގެ ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އަށް ހާއްސަ ކަމަށް އޭނާ ބުނެފިއެވެ.
ދިވެހި ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބް އަތުން އެ ޓީމު ވަނީ 1-0 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އެހެންވެ، ލީގުގައި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، އެ ޓީމަށް އެ މޮޅާއެކު ހިތްވަރެއް ލިބިގެންދިޔަ ކަމަށް މޫސަ ވަނީ ފާހަގަކޮށްފައެވެ.
ވިކްޓްރީ ކަހަލަ ބޮޑު ޓީމަކާ ދެކޮޅަށް ދިއްދޫން ކުރިއަށް އޮތް މެޗުގައި ނުކުންނައިރު، މިިއީ މޫސައަށް ހާއްސަ މެޗެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ހާއްސަކޮށް މޫސަގެ ކޯޗިން ކެރިޔަރުގައި އެތައް ގޮތަކުން ވިކްޓްރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެހީތެރިވެދީފައިވާކަން އޭނާ ފާހަގަކުރިއެވެ. އެހެންވެ، މި މެޗަށް ނުކުންނައިރު، ކޯޗެއްގެ ގޮތުގައި ވެސް ޕްރެޝަރު އެބައޮތް ކަމަށް މޫސަ ބުންޏެވެ.
މޫސަ ބުނީ ދިވެހި ލީގުގެ މެޗުތަކަށް ނުކުންނައިރު، ދިއްދޫއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިއްދޫގެ ސްކޮޑުގެ ގިނަ ކުޅުންތެރިންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ކުޅުންތެރިންނަށްވުން ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައި ބައިވެރިވެވެނީ މެޗުގެ ކުރިން ކުރާ ޕްރީ މެޗު ޕްރެކްޓިސްގައިކަން މޫސަ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންގެ ސްކޮޑުގެ 50 އަށްވުރެ ބޮޑު އިންސައްތަ އެއް މިއީ ރިސޯޓުތަކުގައި އުޅޭ ކުޅުންތެރިން މި ކުޅުންތެރިން ޕްރެކްޓިސްތަކަށް މިލިބެނީ ޕްރި މެޗު ޕްރެކްޓިސްއަށް" މޫސަ ފާހަގަކުރިއެވެ.
މޫސަ ބުނީ، ބުރުގެ މެޗުގެ ނަތީޖާއާއެކު ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު، ޕްރެޝަރު ކުޑަވެދާނެ ކަމަށެވެ. އެކަމަކު ވިކްޓްރީއަކީ ބޮޑު ނަމަކަށްވުމުން ދިއްދޫ މި މެޗަށް ނުކުންނައިރު، ޕްރެޝަރު އެބައޮތް ކަމަށެވެ. އެކަމަކު ދިއްދޫން ލީގުގެ ކޮންމެ މެޗަކަށް ވެސް ނުކުންނާނީ މަސައްކަތްކޮށްގެން ކާމިޔާބު ހޯދަން ކަމަށެވެ.
ދިއްދޫން ވިކްޓްރީއާ ދެކޮޅަށް ނުކުންނަނީ ބުދަ ދުވަހުގެ ހަވީރު އެވެ. މި މެޗު ޔެސް ޓީވީން ލައިވް ކުރާނެއެވެ.