އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ-ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ސޫރިޔާއަށް ވަޑައިގަންނަވައިފިއެވެ. ޖުލައި 25 ވަނަ ދުވަހު ގުތެރޭޝް ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގަންނަވާފައިވާއިރު، މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި އދގެ ސެކްރެޓަރީ-ޖެނެރަލަކު ސޫރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދިމިޝްޤުގެ ބައިނަލްއަޤުވާމީ ވައިގެބަނދަރުން އޭނާއަށް މަރުޙަބާ ކިޔާފައި ވަނީ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީއެވެ. ގުތެރޭޝްގެ މި ދަތުރުފުޅާއެކު، ސޫރިޔާގެ ބަދަލުވަމުންދާ މަރުޙަލާގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިވުން އޮތް މިންވަރު ހާމަވެގެންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ސޫރިޔާއަށް ގުތެރޭޝް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް އަޙްމަދު އަލް-ޝަރާޢާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންނާއި، އަދި ވަގުތީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާނެއެވެ. މިއީ، 2009 ވަނަ އަހަރު އދގެ ކުރީގެ ސެކްރެޓަރީ-ޖެނެރަލް ބަން ކީ-މޫން ސޫރިޔާއަށް ދަތުރުފުޅެއް ކުރެއްވި ފަހުން، އެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ސޫރިޔާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އޭގެ ދެ އަހަރު ފަހުން ސޫރިޔާގައި ލޭއޮހޮރުވުން ބޮޑު އަހުލީހަނގުރާމައެއް ފެށިގެން ގޮސްފައިވާއިރު، ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރެވުނު ފަހުންނެވެ.
ގުތެރޭޝްގެ ދަތުރުފުޅަކީ "ތާރީޚީ" ބަދަލުތަކެއް ސޫރިޔާއަށް ގެނެވެމުންދާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި އދގެ ޚާއްޞަ މަންދޫބު ކްލައުދިޔޯ ކޮރްދޯން ސިފަކުރެއްވިއެވެ. އަދި، ސޫރިޔާއަށް ސިޔާސީ ގޮތުން ގެންނަމުންދާ ބަދަލުތަކާއި، ހަނގުރާމައަށްފަހު ޤައުމު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އދއިން އެއްބާރުލުންދޭނެ ކަމުގެ ޔަގީން ކަން މި ދަތުރުފުޅުގެ ތެރެއިން ގުތެރޭޝް ސޫރިޔާގެ ސަރުކާރަށް އަރުވާނެ ކަމުގައި ކޮރްދޯން ވިދާޅުވިއެވެ. މީގެ އިތުރުން، މަދަނީ ޖަމުޢިއްޔާތަކާއި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކާ ބައްދަލުކުރައްވައި، މަދަނީ މުޖުތަމަޢާ އދއިން ގާތް ގުޅުމެއް ބާއްވާނެކަމުގެ ޔަގީން ކަން ދެއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކަށް ގުތެރޭޝް ވަޑައިގަންނަވައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ މެންބަރުންނަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 1974 ވަނަ އަހަރު އެކުލަވައިލާފައިވާ އެ ފައުޖުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ޔަހޫދީ ދައުލަތާއި ސޫރިޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓައި، ހަމަނުޖެހުންތަކުގެ ފުރުޞަތު ބަންދުކުރުމެވެ. ގުތެރޭޝް ސޫރިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، ދަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އަހުލީހަނގުރާމައާއި ސިޔާސީ ހަލަބޮލިކަމަށްފަހު، ޤައުމު އަލުުން އާރާސްތުކުރުމުގެ މަސައްކަތް ފަށައިގަނެފައިވާ މުހިންމު ދަނޑިވަޅެއްގައި ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.