ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާއި ގުޅޭ ސާރވޭގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭ ފަށައިފިއެވެ. މި ސާރވޭ އެންމެފަހުން ކޮށްފައިވަނީ، 2018 ވަނަ އަހަރުއެވެ.
އެމްއެމްއޭއިން ވިދާޅުވީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހިންނަށް އަމާޒުކޮށްގެން އެ އޮތޯރިޓީއިން "ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އެރައިވަލް ހޯލުގައި މިސާރވޭ ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
މި ސަރވޭގައި މައިގަނޑު ގޮތެއްގައި ނަގާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްސަދާއި، ދަތުރު ކުރި ޤައުމާއި، ޓިކެޓުގެ ޚަރަދާއި، ހުރުމުގެ ޚަރަދާއި، ބޭސްފަރުވާއަށް ކުރި ޚަރަދުގެ އިތުރުން ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރި ޚަރަދުގެ މައުލޫމާތު ހިމެނޭނެއެވެ. ނަމަވެސް ވަކި ވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މިސާރވޭގައި އެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއްކުރެވޭނެ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީއިން އަރުވާކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، ސާރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ސާރވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އެދިފައެވެ.