ޚަބަރު

މާލޭ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް އެމްޓީސީސީއަށް


  • މި މަޝްރޫޢުގެ ތެރެއިން 14 ފަންގިފިލާގެ އިމާރާތެއް އަޅާނެ

  • މިއީ 699.86 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ހުޅުމާލޭގައި ތަރައްޤީކުރާ މާލޭގެ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓު އެން ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 29،490 އަކަފޫޓުގެ ސަރަޙައްދެއްގައި 14 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި އިމާރާތުގައި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ޖުވެނައިލް ކޯޓުގެ އިތުރުން ފެމިލީ ކޯޓު، ހައި ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ އޮފީސް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަކީ 699.86 މިލިޔަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކޮށް ނިމުމާއެކު، ޝަރުޢީ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ހުޅުމާލޭގައި މާލޭ ކޯޓު ކޮމްޕްލެކްސް ހެދުމަށް ހަވާލުކުރި އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.