ޓޮޓެންހަމްގައި ހިތްހަމަ ނުޖެހޭ ކުޅުންތެރިއަކު ކްލަބްގައި މަޑުކުރާނެ ކަމެއް ނެތް ކަމަށާއި، އެފަދަ ކުޅުންތެރިން ކްލަބް ދޫކޮށްދާން ކޯޗު ރޮބާޓޯ ޑި ޒާބީ އެދިއްޖެއެވެ.
ފާއިތުވި ސީޒަންގައި މާރޗް މަހަށްފަހު ކްލަބާ ހަވާލުވެ، ރެލިގޭޝަނުން ޓީމް ސަލާމަތްކޮށްދިން ކޯޗު ބުނީ ކްލަބްގައި ތިބެންވާނީ ކްލަބާ މެދު ހިތްހަމަ ޖެހޭ ކުޅުންތެރިން ކަމަށެވެ. ހިތްހަމަ ނުޖެހޭނަމަ ކްލަބް ދޫކޮށް ދާންވީކަމަށް އޭނާ ބުންޏެވެ. ކޯޗު ޑި ޒާބީގެ ވާހަކަތައް މިމޭރުމުން އައިސްފައި މިވަނީ މިޑްފީލްޑަރ ލުކަސް ބާގްވަލް އަށް ނޮޓިންގހަމް ފޮރެސްޓުން ދެވަނަ ބޮޑެއް ހުށަހަޅާފައި ވަނިކޮށެވެ. ފުރަތަމަ ހުށަހެޅި 38 މިލިއަން ޕައުންޑަށް ޓޮޓެންހަމް އިން ވަނީ ނޫނެކޭ ބުނެފައެވެ. ނޮޓިންގހަމް ފޮރެސްޓުން މިހާރު ވަނީ ސްވިޑެންގެ މިޑްފީލްޑަރުގެ އަގު 45 މިލިއަން ޕައުންޑަށް އުފުލާފައެވެ.
ކޯޗު ޑި ޒާބީ ބުނީ ކްލަބާ ހަވާލުވި ފުރަތަމަ ދުވަހުވެސް އޭނާގެ ސްޓޭންޑް ވަރަށް ސާފް ކަމަށެވެ. އެއީ ކްލަބާ މެދު ހިތްހަމަ ނުޖެހޭ ކުޅުންތެރިން ކްލަބްގަޑި މަޑުނުކޮށް، ކްލަބާއެކު ކުރިއަށްދާން ބޭނުންވާ ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރުން ކަމަށެވެ.
"އަހަރެން ބޭނުންވަނީ މިކްލަބާ މެދު ފަޚުރުވެރިވާ، އުފަލުން މިކްލަބަށް ކުޅެން ބޭނުންވާ ކުޅުންތެރިން، ފަޚުރުވެރިކަމާއެކު ޖޯޝުގައި މިކްލަބްގެ ޖަރޒީގައި ދަނޑަށް ނިކުންނަ ކުޅުންތެރިން. ފުޓްބޯޅައިގައި މޯޓިވޭޝަން މުހިއްމު ދައުރެއް އަދާކުރޭ.ޑި ޒާބީ- ޓޮޓެންހަމް ކޯޗު
ކްލަބް ދޫކޮށްލުމުގެ މަގުމަތީގައި ހުރި ސްވިޑެން މިޑްފީލްޑަރަށް ޑި ޒާބީ ހަވާލުވި ފަހުން ކުޅެން ލިބުނު ވަގުތު މަދެވެ. 2024 ވަނަ އަހަރު ޓޮޓެންހަމްއާ ގުޅުނު 20 އަހަރުގެ މިޑްފީލްޑަރަށް ފުރުޞަތު ދިނީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޓޮޓެންހަމް އިން ވަނީ އަލަށް ދެ މިޑްފީލްޑަރުންގެ ސޮއިވެސް ހޯދާފައެވެ. އެއީ ސަންދްރޯ ޓޮނާލީ އާއި މެތިއުސް ފާނަންޑޭޒް އެވެ. އެކަމަކު ކޯޗު ބުނީ ލުކަސް އަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، އޭނާއާ ވާހަކަ ދައްކާނެ ކަމަށެވެ.