ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ހުރިހާ ޕާޓީއަކުން ޢަމަލު ކުރާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޖުމްލަކޮށް ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ރަނގަޅަށް ދިޔަނަމަވެސް ޕާޓީތަކުން އެއް ހަމައެއްގައި ޢަމަލުކުރާނެ އުސޫލެއް މިވަގުތު ނެތް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މާލީ އަހަރު ނިމުމާއެކު ލައިސެންސް އޮންނަ އޮޑިޓަރެއް މެދުވެރިކޮށް ތައްޔާރުކުރާ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މި ބަޔާނަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީއެއްވިޔަސް ނުދޭ ޕާޓީއެއްވިޔަސް ހުށަހަޅަން ޖެހޭ ބަޔާނެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މިހާތަނަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި މާލީ ކަންކަން ޕާޓީތަކުން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. ނަމަވެސް ކުދި ކުދި މައްސަލަތައް ދިމާވާ ކަމަށާއި އެފަދަ ކަންކަމުގައި ޕާޓީތަކާއި ވާހަކަދައްކައި، ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅާ ޕާޓީ އަދި ޕާޓީގެ މާލީ ކަންކަމާއި ހަވާލުވެ ހުންނަ މީހާވެސް ޖޫރިމާނާ ކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެ ބަލަން، ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކަށް. ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ކަމަށްވަންޏާ އެފައިސާ މެދު ޢަމަލުކުރި ގޮތެއް ރައްޔިތުންނަށް ސާފުވާންޖެހޭނެ. އަޅުގަނޑުމެން ބަލަން އޮޑިޓަރު އޮޑިޓް ކޮށްފައި އޮންނައިރު އެއްވެސް ކަހަލަ މައްސަލައެއް ފާހަގަކޮށްފައިވާނަމަ އެކަމެއް. އޮޑިޓަރު މި ބަލަނީ އިންޓަނޭޝަނަލް އޮޑިޓިން ސްޓޭންޑަޑަށް." އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ޙަސަން ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް މިހާރަށް ވުރެ ބޮޑަށް ދެފުށްފެންނަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ މާލީ ނިޒާމާއި އެއްގޮތަށް ކަމަށް ބަޔާންކޮށްފައި އޮންނަކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. އަދި އޮޑިޓަރ ޖެނެރަލް ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބަލަހައްޓާނެ ގޮތުގެ އުސޫލެއް ކަނޑައަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މިހާތަނަށް ހުރިހާ ސިޔާސީ ޕާޓީއަކުން އެއްގޮތަކަށް ޢަމަލުކުރާ އުސޫލެއް ހެދިފައި ނުވުމުން، ބައިނަލްއަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަކަށް ކަންކަން ކުރިނަމަވެސް މާލީޔަތު ޤަވާއިދާ ބައެއްފަހަރު ފުށުއަރާ ކަންކަން އޮޑިޓް ރިޕޯޓްތައް ހުށަހަޅާއިރު ފާހަގަވާ ކަމަށެވެ. އެހެންވުމުން ސިޔާސީ ޕާޓީތަކަށް މާލީކަންކަން ހަމަޖެއްސުމުގައި ގޮންޖެހުންތަކެއް ހުންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިކަން ހައްލުކޮށް ހުރިހާ ޕާޓީއެއް އެއް ހަމައެއްގައި މާލީ ކަންކަން ބެލެހެއްޓުމަށް، އޮޑިޓަރ ޖެނެރަލް އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް އެކުވެގެން ތައްޔާރުކޮށްފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކާއި މީގެ ދެ އަހަރެއްވަރު ކުރިން މަޝްވަރާކޮށް ނިންމާފައި، އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ދެބައިމީހުން އެއްވެގެން ހުރިހާ ސިޔާސީ ޕާޓީތަކާއިއެކު، ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އަޅުގަނޑުމެން ވާނެ ޑްރާފްޓްކޮށްފައި. އެ ޑްރާފްޓަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކޮމެންޓު ހޯދައި ނިންމާފައި ޑްރާފްޓް ވާނީ ގެޒެޓް ކުރުމުގެ މަރުހަލާއަށް ފޮނުވިފައި." މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މާލީ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮންމެ އަހަރެއްގެ މާލީ ބަޔާން ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މި އަހަރު މާލީ ބަޔާން ހުށަނާޅައިގެން 3 ޕާޓީއަކަށް ފިޔަވަޅު އަޅާފައިވެއެވެ. މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއެވެ. މީގެ ތެރެއިން އެމްއެންޕީ އަދި އަދާލަތު ޕާޓީން މާލީ ބަޔާން އެއްގޮތަކަށްވެސް ހުށަނާޅާއިރު އެމްޑީޕީން ބަޔާން ހުށަހެޅީ ސުންގަނޑި ހަމަވިތާ ހަފުތާއެއް ފަހުންނެވެ.