ޚަބަރު

ކާބޯތަކެތީގެ އިންސްޕެކްޓަރުން އުސޫލާ ޚިލާފުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއް


  • ފުރަތަމަ ފަހަރު ކުރާނީ 5,000 ރުފިޔާގެ ޖޫރިމަނާއެއް

  • ދެވަނަ ފަހަރު 10,000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ

  • ތިންވަނަ ފަހަރަށް 25,000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ގޮތަށް ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލި ކަބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދުގައެވެ.

ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދަކީ އިންސްޕެކްޓަރުން އައްޔަނުކުރުމުގެ އުސޫލުތައް ބަޔާންކުރުމާއި އެ ފަރާތްތަކަށް ލިބިގެންވާ ބާރުތައް ސާފުކޮށް ކަނޑައަޅާފައިވާ ޤަވާއިދެކެވެ. މީގެ އިތުރުން، އިންސްޕެކްޓަރުން މަސައްކަތުގެ މައިދާނުގައި ގެންގުޅެންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ކަނޑައަޅައި، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން މިޤަވާއިދުގައި ހިމެނެއެވެ.

މި ޤަވާއިދުގައިވާ ގޮތުން، ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ބަލައި ފާސްކުރުމުގެ ގިނަ ބާރުތަކެއް އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އެގޮތުން ދުރާލައި އެންގުމަކާ ނުލައި ވިޔަފާރިކުރާ ތަންތަނަށް ވަދެ ފާސްކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ކާބޯތަކެތީގެ ސާމްޕަލް ނަގައި ޓެސްޓުކުރުމާއި ރެކޯޑުތަކުގެ ކޮޕީ ހެދުމުގެ އިތުރުން މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި ތަކެތި ނައްތައިލުމުގެ ބާރު ލިބިގެންދެއެވެ.

ނަމަވެސް މީހުން ދިރިއުޅޭ އަމިއްލަ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އިންސްޕެކްޓަރަކު ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ޖޫރިމަނާ ކުރާނެ މަރުހަލާތައް

- ފުރަތަމަ ފަހަރު: 5,000 ރުފިޔާ
- ދެވަނަ ފަހަރު: 10,000 ރުފިޔާ
- ތިންވަނަ ފަހަރު: 25,000 ރުފިޔާ
- ހަތަރުވަނަ ފަހަރު: 50,000 ރުފިޔާ
- ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު: 100,000 ރުފިޔާ

މީގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ބާރުވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފިޔަވަޅު އެޅޭނެއެވެ.

އިންސްޕެކްޓަރުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކޮށް، މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. ކާބޯތަކެތީގެ ވިޔަފާރި ހިންގުމުގައި ބައިވެރިވުމާއި، ހަދިޔާ ނުވަތަ މާލީ މަންފާ ހޯދުމާއި، ރިޕޯޓުތަކުގައި ދޮގު މައުލޫމާތު ހިމެނުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. އިންސްޕެކްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި އެ އިދާރާއިން ޖަވާބެއް ދޭންޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ.