ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ސައިންޓިފިކް، ޓެކްނިކަލް އެންޑް ޓެކްނޮލޮޖިކަލް އެޑްވައިޒްއާ ބެހޭ ސަބްސިޑިއަރީ ބޮޑީގެ 28 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 27 އިން އޯގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކެންޔާގެ ނައިރޯބީގައި ކުރިއަށްދާ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުރިއަށްއޮތް ސީ.ބީ.ޑީ ކޮޕް-17 ސަމިޓަށް ބޭނުންވާ ސައިންޓިފިކް އަދި ފަންނީ އިރުޝާދުތަކާއި ސިޔާސަތުތައް އެކުލަވާލުމެވެ. ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ "ކުންމިންގ-މޮންޓްރިއާލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް" ގެ އަމާޒުތައް ހާސިލުވަމުންދާ މިންވަރު ސައިންޓިފިކް ހަމަތަކުން ވަޒަންކޮށް، ގައުމުތަކުގެ މޮނިޓަރިންގ އާއި ރިޕޯޓިންގ ނިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފާ އެކުލަވާލުމަކީވެސް މި ބައްދަލުވުމުގެ ބޭނުމެކެވެ.
މި ބައްދަލުވުމުގައި ރާއްޖޭއިން އިސްކަންދޭނީ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރަން ކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު އަމާޒަކީ ކޮންވެންޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް އެކުލަވާލެވޭ ފަންނީ މާހިރުންގެ ގްރޫޕްތަކުގައި، ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަ ގޮނޑިތަކެއް ކަށަވަރުކުރުމެވެ. މިއީ މިފަދަ ނިންމުންތައް ނިންމާ މަރުޙަލާގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
The 28th Meeting of the Subsidiary Body on Scientific, Technical and Technological Advice of the Convention on Biological Diversity is taking place from 27th July - 1st August 2026. .Maldives will be negotiating to secure dedicated seats for SIDS at expert groups established to… pic.twitter.com/8N5lXmqsrC
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 27, 2026
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާ ކޮންޒަވޭޝަން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް މުރާޖާކުރާ މަރުޙަލާގައި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ އަމާޒުތައް ހިމެނުމަށް ރާއްޖޭން ބާރުއަޅާނެއެވެ. މީގެ އިތުރުން ތިމާވެށީގެ ކަންކަން ބަލަހައްޓާ ރިޕޯޓްކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ރާއްޖޭގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަމެއްކަން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭން މި ބައްދަލުވުމުގައި ވަކާލާތުކުރާނެ އަނެއް މުހިންމު ކަމަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކުރުމަށާއި، އެފަދަ ސައިންޓިފިކް މަޢުލޫމާތުތަކަކީ ހުރިހާ ޤައުމުތަކަށް ފަސޭހައިން ލިބޭނެ މަޢުލޫމާތުތަކަކަށް ހެދުމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ކެންޔާގައި ކުރިއަށްދާ މި ބައްދަލުވުމަކީ ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.