ޖަޕާނުގެ ދެކުނަށް އަންގާރަ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 13 އަށް އުފުލިއްޖެއެވެ. ޖުލައި 28 ވަނަ ދުވަހުގެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.1 ގައެވެ. ބިންހެލުމާ ގުޅިގެން ގިނަ ޢަދަދެއްގެ އިމާރާތްތައް ވެއްޓި، ބައެއް ރަށްރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، މަގުތަކުގައި ރެނދުލުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ބިންހެލުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ ކުމަކޮޓޯ ސިޓީގައި ހުންނަ ފިހާރަބަރިއެއް ވެއްޓުނު ހާދިސާގައެވެ. އެ ފިހާރަބަރީގެ އިމާރާތުގެ ދަށުވެ ތިން މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، އެ ތަނުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. "މިހާރު ވެސް ސަލާމަތްކުރަން ޖެހޭ މީހުން އެބަތިބި، އެއީ [އެ މީހުން ސަލާމަތްކުރުމަކީ] ވަގުތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް. ވީހާވެސް ގިނަ މީހުން ސަލާމަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާ ނަން،" ބޮޑުވަޒީރު ސަނައެ ތަކައިޗީ ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ގެދޮރާއި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން އަދި އަވަސް ފަރުވާދޭ ޓީމުތަކުން ހަރަކާތްތެރިވަމުންދާއިރު، ވަގުތީ ހިޔާތަކަށް ބަދަލުވުމަށް 260,000 މީހުންނަށް ވަނީ އިރުޝާދު ދީފައެވެ. ބިންހެލުން އައިސްފައި ވަނީ ބޮޑު އާބާދީއެއް އޮންނަ ކުމަމޮޓޯ ސިޓީގެ ދެކުނުންނެވެ. މީގެ އިތުރުން، ޔަތުސުޝިރޯ ސިޓީގެ ގެތަކަށް ވެސް ބޮޑެތި ގެއްލުންވެ، މަގުތައް ވަނީ ރެނދުލައި ހަލާކުވެފައެވެ. ހަސްފަތާލުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ބައެއް ތަންތަނުން ވަނީ އަވަސް ފަރުވާގެ ޚިދުމަތްތައް މެދުކަނޑައިލާފައެވެ.
އެ ސަރަޙައްދަށް އިތުރު ލޮޅުންތައް އައިސް، ބިންގަނޑު ކެނޑުމުގެ ހާދިސާތައް ހިނގުމުގެ ފުރުޞަތު ބޮޑު ކަމުގައި ކަމާގުޅޭ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ. އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލިފައިވާ މި ދަނޑިވަޅުގައި، ބިންހެލުމާ ގުޅިގެން 36,000 އަށްވުރެ ގޭބީސީން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެނޑިފައެވެ. މިއާއެކު، ހޫނު ގަދަވުމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވާނެ ކަމުގައި ޞިއްޙީ ޚިދުމަތްތެރިން ވަނީ އިންޒާރު ކޮށްފައެވެ. ބިންހެލުމާ ގުޅިގެން ހަލުވި ދުވެލީގެ ރޭލުގެ ޚިދުމަތްތައް ވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑައިލާފައެވެ. އަދި، ބައެއް ކުންފުނިތަކުގެ ކާރުޚާނާތައް ބަންދުކޮށް، ޚިދުމަތްތައް ވަނީ ހުއްޓައިލާފައެވެ.
ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދެއްގެ އަލިފާން ފަރުބަދަތައް އޮންނަ 'ރިންގ އޮފް ފަޔަރ' ގެ ނަންދީފައިވާ ސަރަޙައްދުގައި އޮތް ޤައުމެކެވެ. މީގެ ދަހަރެއްހާ ދުވަސް ކުރިން ވެސް އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމެއްގެ ނުރައްކާ ކުރިމަތިވިއެވެ. މި ފަހަރުގެ ބިންހެލުމުގައި ވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކިއްލާ ފަދަ އާސާރީ ބިނާތަކަށް ގެއްލުންވިއެވެ. ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް އަވަސް ފުރުވާދޭ ޓީމުތަކުން ކުރަމުންދާއިރު، ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ވެސް ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.