ޚަބަރު

ފުވައްމުލަކު ކައުންސިލާއި ސީބީއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަނީ


  • މިއީ ފުވައްމުލަކު ސިޓީގައި ކުރިކެޓް ކުރިއެރުވުމަށް ރާވާފައިވާ ދުރު ރާސްތާ ޕްލޭނަށް އެޅޭނެ ފާލަމެއް

  • ސްޕޯޓްސް ޓޫރިޒަމްގެ ހަބަކަށް އެ ސިޓީ ހެދުމަށް ދަނީ މަސައްކަތްކުރަމުން

  • މިއީ ކުރިކެޓް ފުޅާކުޅުމަށް ކުރެވޭ މުހިންމު މަސައްކަތެއް

ކުރިކެޓް ކުރިއެރުވުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.

ސީބީއެމާއި ފުވައްމުލަކު ސިޓީ ކައުންސިލާމެދު މި އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވަނީ ފުވައްމުލައް ސިޓީގެ ވަފުދެއް ކްރިކެޓް ބޯޑުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލްއާއި ނައިބު ރައީސް އަހްމަދު އިސްހާޤް ބައިވެރިވެވަޑައިގެންނެވިއިރު، ފުވައްމުލައް ސިޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރުގެ އިތުރުން ސިޓީ ކައުންސިލްގެ މެންބަރުންނެވެ.

ސީބީއެމްއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ކުރެވުނު މަޝްވަރާގައި އަލިއަޅުވާލާފައިވަނީ ކުރިކެޓް ކުރިއެރުވުގައި އެ ސިޓީން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ވެސް އެ ސިޓީން ކުރަމުންދާ މިމަސައްކަތަށް ސީބީއެމްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން މިބައްދަލުވުމުގައި ސީބީއެމްގެ ރައީސް ވަނީ ދެއްވާފައެވެ.

މީގެއިތުރުން ސްޕޯޓްސް ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ތަރައްޤީކުރުމަށް ހިފާފައިވާ އަމާޒާ އެއްގޮތަށް ކަންކަންދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި ކުރިކެޓް ފުޅާކޮށް ކުރިއެރުވުމަށް ފުވައްމުލައް ސިޓީން ކުރަމުންގެންދާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް ސީބީއެމްގެ ރައީސް ވިދާޅުވެފަވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ލިރާރް ވިދާޅުވެފައިވަނީ 2011 ވަނަ އަހަރު އެ ސިޓީގައި ގާއިމުކުރެވުނު ކުރިކެޓް ދަނޑާއެކު، އެ ސިޓީގެ ރައްޔިތުންނަށް ކުރިކެޓް ކުޅުމުގެ ފުރުސަތު އިތުރަށް ފަހިވެގެންގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ކުޅިވަރު އެ ސިޓީގައި އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ލިރާރް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ސީބީއެމްއާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުން ވެގެންދާނީ އެ ސިޓީގައި ކުރިކެޓް ތަރައްޤީކުރުމަށް ރާވާފައިވާ ދުރު ރާސްތާ ޕްލޭނަށް އެޅޭ ފާލަމަކަށެވެ. ޒަމާނީ ފެންވަރުގެ ކުރިކެޓް ދަނޑެއް އެ ސިޓީގައި އޮތްއިރު، ކުރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތެއް އެ ސިޓީގައިދަނީ ކުރެވެމުންނެވެ. އެގޮތުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެސިޓީގެ ބައެއް ކުޅުންތެރިން ޤައުމީ ސްކޮޑުން ޖާގަ ހޯދައިފާވާކަން ފާހަގަކޮށްލެވެއެވެ.