މޫސުން ގޯސްވެ، ވައިގަދަވެފައި ވާތީ ސިނަމާލެ ބްރިޖާއި ލިންކުރޯޑުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
ފުލުހުން ވަނީ ދަތުރުކުރާއިރު ރައްކާތެރިވުމުގެ ގޮތުން ހަތަރު ކަމަކަށް ސަމާލުވުމަށް އެދިފައެވެ. އެއީ ބުރުގާ އަޅާ މީހުން، ވަޔާއެކު މޫނު މައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުމާއި، ފެންވަރު ރަނގަޅު ވިއްސާރަކޯޓެއް ބޭނުންކުރުމެވެ. މީގެ އިތުރުން، ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުމަށާއި، އުޅަނދުގެ ހެޑްލައިޓް އަދި ޓެއިލްލައިޓު ދިއްލާފައި ބެހެއްޓުމަށްވެސް ފުލުހުން އިރުޝާދު ދީފައިވެއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށް ޓަކައި މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ސްވިމިންގ ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން. pic.twitter.com/ceQRL5AG1n
— Maldives National Defence Force (@MNDF_Official) July 30, 2026
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިގޮތުން މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ސަރަހައްދުގެ އިތުރުން ސްވިމިންގ ޓްރެކް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފައެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކާ ހަމައަށް މި އެލާޓު ވަނީ ނެރެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.