ޚަބަރު

ވޮޝިންގޓަން އޯޕަންގެ ފައިނަލަށް ފްރިޓްޒާއި ހޯޑަރ


  • މިދެ ކުޅުންތެރިންވެސް ފައިނަލުން ޖާގަހޯދީ ދެ ސެޓު އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެން

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި މިހާރު ކުރިއަށްދާ ވޮޝިންގޓަން އޯޕަން ނުވަނަ މުބަޑާލާ ޑީސީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން އެމެރިކާގެ ޓޭލަރ ފްރީޓްޒް އާއި ސްޕެއިންގެ ރަފައެލް ހޯޑަރ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ތިންވަނައަށް ސީޑު ކުރެވިފައިވާ ފްރިޓްޒް ޖާގަހޯދީ ސެމީ ފައިނަލްގައި އެމެރިކާގެ ބްރެންޑަން ނަކަޝީމާ އާއި ބައްދަލުކޮށް ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ފްރިޓްޒް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓު ތިނެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ނަކަޝީމާއެވެ. އަދި ފަހު ސެޓު ފްރިޓްޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މިކާމިޔާބީ އާއެކު ފްރިޓްޒް މިވަނީ އޭޓީޕީގެ 23 ވަނަ ފައިނަލުން ޖާގަހޯދައިފައެވެ.

މިމުބާރާތުގެ ފައިނަލްގައި ފްރިޓްޒް ވާދަކުރާ ސްޕެއިންގެ ހޯޑަރ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ޗިލީގެ އަލެހަންޑްރޯ ޓަބީލޯ އާއި ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަޔަކުން އެއްވަރުވެ ޓައިބްރޭކަކަށް ގޮސް ހައެއް އަށަކުން ކުރި ހޯދާ ސެޓު ކާމިޔާބު ކޮށްފައިވަނީ ޓަބީލޯއެވެ. ނަމަވެސް ޖެހިގެން އައި ދެސެޓު ހޯޑަރވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލުން ޖާގަހޯދައިފައެވެ. މިދެ ކުޅުން ތެރިން އެންމެ ފަހުން މިއަހަރުގެ މާރޗް މަހު އިންޑިއަން ވެލްސްގައި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ޓަބީލޯ ކާމިޔާބު ކޮށްފައިވުމުން ހޯޑަރއަށް މިކާމިޔާބީގެ އުފާ އިތުރު ވެގެންދިޔައެވެ. އަދި ފަހަކަށް އައިސް އުމުރުން 19 އަހަރުގެ ހޯޑަރ ހޯދަމުންދާ ކާމިޔާބީ ތަކާއި ގުޅިގެން ދެން އެންމެ އަވަހަށް ދުނިޔޭގެ ރޭންކިންގ އިިއުލާން ކުރާއިރު ހޯޑަރގެ ރޭންކިންގ 20 ވަނައަށް ކުރިއަށް ޖެހިގެންދާނެއެވެ.