ފަލަސްޠީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އެކުލަވައިލި ސުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ މަގުޗާޓު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވިތާ ހަފުތާއެއް ނުވަނީސް، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ޓްރަމްޕް ވަނީ މި މަގުޗާޓަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ރުހުން ލިބުމަކީ ސަރަޙައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، މަސްރަޙުގެ ޙަޤީޤީ ޙާލަތު ފެންނަނީ މުޅިން ތަފާތުކޮށެވެ. މިދިޔަ ހަފުތާ ބަންދުގައި އެކަނިވެސް ޔަހޫދީން ދިން ރަޙުމްކުޑަ ހަމަލާތަކުގައި އިތުރު 26 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ޙަމާސުން ހަތިޔާރު ބެހެއްޓުމުގެ މަރުޙަލާތަކަށް އެއްބަސްވި ނަމަވެސް، ޔަހޫދީ ދައުލަތުން ދަނީ ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ މި މަގުޗާޓު ތަންފީޒުކުރަން ފެށުމަށް ހުރަސްއަޅަމުންނެވެ. ޔަހޫދީ ދައުލަތުގެ ސިޔާސީ ވެރިންގެ ނުރުހުން މި މަގުޗާޓަށް އަމާޒުވެފައިވާއިރު، މި ޢަމަލުތަކުގެ ސަބަބުން ޓްރަމްޕްގެ ސުލްޙައިގެ މަސައްކަތްތަކަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ.
އެމެރިކާއިން މިކަމުގައި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ބުނިނަމަވެސް، ޣައްޒާގައި ޔަހޫދީ ދައުލަތުގެ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އެއާއެކު، ޓްރަމްޕް އިޢުލާނުކުރައްވާފައިވާ 15 ނުކުތާގެ ތަފްޞީލީ މަގުޗާޓަށް ޙަމާސުން ރަސްމީކޮށް ތާޢީދުކުރި ނަމަވެސް، ޔަހޫދީން ޣައްޒާގެ ޢުދުވާނު ފުޅާކުރުމުގެ ސަބަބުން ފަލަސްޠީނުގެ ޖަމާޢަތްތަކުން މި އެއްބަސްވުމާ ދުރުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޔަހޫދީ ދައުލަތަށް އެއްވެސް ގޮތަކަށް ދޫދިނުމަކީ ފަލަސްޠީނަށް އޮތް ބޮޑު ނުރައްކަލެކެވެ. ޔަހޫދީ ދައުލަތުން މިހާރު މަސައްކަތްކުރަނީ ޙަމާސްގެ ހަތިޔާރުތައް މުޅިން އަތުލައި، ބައިނަލްއަޤުވާމީ ފަރާތްތަކާ ޙަވާލުކުރުން ފަދަ ހަރުކަށި އައު ޝަރުޠުތަކެއް ކުރިމަތިކުރުމަށެވެ.
ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނަމުންދަނީ ޙަމާސްގެ އަސްކަރީ ބާރު މުޅިން ނައްތާނުލެވެނީސް ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މާހިރުންގެ ނަޒަރުގައި، ނަތަންޔާހޫގެ މި ހަރުކަށި ސިޔާސަތުގެ ފަހަތުގައި އޮތީ ކުރިއަށް އޮތް ޔަހޫދީ ދައުލަތުގެ އިންތިޚާބާއި އަމިއްލަ ސިޔާސީ މަޞްލަޙަތެވެ. ޔަހޫދީ ދައުލަތުން ބޭނުންވަނީ ޓްރަމްޕްގެ ޕްލޭނަށް ފާޅުގައި ދެކޮޅު ނުހަދައި، އެ ޕްލޭނު ތަންފީޒުނުކޮށް ދިގުދަންމާލައި، ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ޙިޞާރު ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން، ޔަހޫދީ ދައުލަތުން ދަނީ ޣައްޒާގެ ބޮޑު ސަރަޙައްދެއް އަސްކަރީ ބާރުގެ ދަށުގައި ބޭއްވުމަށާއި، ސުލްޙައިގެ ކަންކަމުގައި ޤަޠަރާއި ތުރުކީވިލާތުގެ ދަޢުރު ކުޑަކުރުމަށް މަސައްކަތްކުރަމުންނެވެ. މިއީ ފަލަސްޠީނަށް ލިބޭ ސަރަޙައްދީ އެހީތެރިކަން ކަނޑުވާލައި، އެކަހެރިކުރުމަށް ރޭވުންތެރިކަމާއެކު ކުރާ ކަމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.
މި ނާޒުކު ދަނޑިވަޅުގައި އެމެރިކާއަށް އޮތް އިތުބާރު ކުޑަވަމުންދާއިރު، ފަލަސްޠީނުގެ ޖަމާޢަތްތަކުން މަސައްކަތްކުރަމުންދަނީ ޔަހޫދީ ދައުލަތުގެ ހަޤީޤީ ސޫރަ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށެވެ.