ޚަބަރު

ޔުނައިޓް ގްލޯބަލް ސަމިޓް: ޞިއްޙީ ޚިދުމަތްތައް ހޯދަން ހުރި ފަރަގު ސަމާލުކަމަށް


  • ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ވަޒީރު ޤީލާ ޢަލީ

  • ދެ ދުވަހަށް ކުރިޔަށްގެންދިޔަ ސަމިޓު ބޭއްވީ ފިލިޕީންސްގައި

ދުނިޔޭގެ ޞިއްޙީ ދާއިރާގެ ވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ނިމިއްޖެއެވެ.

މި ސަމިޓު ކުރިއަށް ގެންގޮސްފައިވަނީ، މިމަހުގެ 3 އިން 4 ވަނަ ދުވަހަށް ފިލިޕީންސްގެ މެނިލާގައެވެ.

މި ސަމިޓުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ، ސިއްޙީ ވަޒީރު ޤީލާ ޢަލީއެވެ. މި ސަމިޓުގެ ތެރެއިން މުހިންމު ބައްދަލުވުންތަކެއް ބާއްވަވައި، މުހިންމު ދާއިރާތަކުން ބަޔާންތައް ދެއްވާފައިވެއެވެ.

ޔުނައިޓް ގްލޯބަލް ސަމިޓަކީ، މަޖިލިސް މެންބަރުންނާއި ދުނިޔޭގެ ޞިއްޙީ ދާއިރާގެ ވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ދުނިޔޭގެ އެންމެ އިސް އެއް ފޯރަމެވެ. ކެނެޑާގެ ޚާރިޖީ އަދި ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރިސާޗު ފަންޑެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗު ސެންޓަރާ ގުޅިގެން ބާއްވާ ޔުނައިޓް ގްލޯބަލް ސަމިޓުގެ ފަސްވަނަ ބައްދަލުވުމުގައި މިއަހަރު އަލިއަޅުވާލީ "ޞިއްޙީ ފަރަގު ކުޑަކުރުން: އިންވެސްޓްކުރުމަށް ސިޔާސީ ހިތްވަރު" މި މައުޟޫޢުގެ މައްޗަށެވެ. މި ސަމިޓުގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ސިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ހޯދުމުގައި ހުރި ބޮޑެތި ފަރަގުތައް މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޞިއްޙީ ނިޒާމުތައް ވަރުގަދަ ކުރުމަށް ސިޔާސީ އިސްވެރިންގެ ބައިވެރިވުމާއި އިސްނެގުން ވަރަށް މުހިންމެވެ. މި ސަމިޓުގައި ސިޔާސީ މަސައްކަތްތަކުގައި ޞިއްޙީ ދާއިރާއަށް އިސްކަންދިނުމަށާއި، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މަޖިލިސް މެންބަރުންނަށާއި ކަންކަމުގައި ގޮތް ނިންމާ އިސްފަރާތްތަކުގެ ފަރާތުން އެދިފައިވެއެވެ. އަދި އެއްވެސް މީހަކު ބާކީނުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ސިޔާސަތުތަކަށް ތާއީދުކޮށް ކުރިއެރުވުމަށްވެސް އެދިފައިވެއެވެ. މީގެއިތުރުން، ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކާ ގުޅިގެން ޞިއްޙީ ނިޒާމު ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް، މުޅި މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާތަކާ މެދު މި ސަމިޓުގައި މަޝްވަރާކުރިއެވެ.

ސަމިޓުގެ މައިގަނޑު ދެ ސެޝަންގައި ވަޒީރު ޤީލާ އަލީ ވަނީ، ދެ ދާއިރާއަކުން ރާއްޖޭގެ ތަސައްވުރު ހާމަކުރައްވާފައެވެ. އެގޮތުން "ގްލޯބަލް ލީޑަރޝިޕް ޑައިލޮގް އޮން ސަސްޓެއިނަބަލް ހެލްތު ފައިނޭންސިންއާއި ސަސްޓެއިނަބަލް ފައިނޭންސިން ފޯ ޓޮބޭކޯ ކޮންޓްރޯލް"އަށް ވާހަކަފުޅު ދައްކަވައި، މިކަމުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ހިއްސާކުރެއްވިއެވެ.

މި ސަމިޓުގެ ތެރެއިން ވަޒިރު ޤީލާ ވަނީ، ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ އެސިސްޓެންޓް ސެކްރެޓަރީ މޭލިން ބެލްޓްރަންއާއި، ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންގެ ކޮމިޝަނަރ ޑރ. ޝާލީ ކަސްޓެނެޑާ އަގްރުޕިސްއާއެކު ވަކިވަކިން ބައްދަލުކުރައްވައި، ސިއްހީ އަދި ތައުލީމީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން، ޕެންޑެމިކް ފަންޑުގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫއާއި ޔުނައިޓުގެ ރައީސް ޑރ. ރިކާޑޯ ބަޕްޓިސްޓާ ލެއިޓޭއާ ބައްދަލުކުރައްވައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އެއް ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން، ފެންޑެމިކުތަކަށް ތައްޔާރުވުމަށާއި، ސަރަހައްދީ އެއްބާރުލުން އިތުރު ކުރުމަށާއި ޕެންޑެމިކުތަކަށް ތައްޔާރުވުމަށް ރާއްޖެއިން ދޭ އިސްކަން ތަކުރާރު ކުރެއްވިއެވެ. މި ބައްދަލުވުމުގައި ޔުނައިޓުގެ މަގުސަދުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފިލިޕީންސްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ކޮމިޓީއާ ބައްދަލުކުރައްވައި، ދަރިވަރުންގެ ހާލަތު އޮޅުންފިލުއްވައި، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ފިލިޕީންސްގެ މެނިލާގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، މިސްޓަރ ބެނިޓޯ ސީ. ބެންގްޒޮން ޖޫނިއަރ އާއެކުވެސް ބައްދަލު ކުރެއްވިއެވެ.

މި ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ.