މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. މި މަސައްކަތުގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އަމާޒުކޮށްގެން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާާހުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލްއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.
މި ގްރާންޓް ސްކީމް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކާއި، މުޖުތަމަޢުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ އެހީގެ އިތުރުން، މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫޢުތަކަށް ދޫކުރާ އެހީތަކެވެ.
ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުޅުވާލާފައިވަނީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. މި ބުރުގައި ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި، ހުށަހަޅާ ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރާނެއެވެ. މި ގްރާންޓުގެ ދަށުން ކޮންމެ މަޝްރޫޢަކަށް 100,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 23 އޮގަސްޓް ނުވަތަ 150 ހުށަހެޅުން ހަމަވުމެވެ.
މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ދަރިވަރުންނަށް އަމާޒުކޮށްގެން "ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ވެސް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބަގީޗާ "ގާޑަން އޮފް ގްރޯތު" ގެ ނަމުގައި ހިރިޔާ ސްކޫލުގައި ވަނީ ގާއިމުކޮށްފައެވެ. މި ބަގީޗާ ފަރުމާކޮށްފައިވަނީ ވާޓިކަލް ގާޑަނިންގ ސިސްޓަމްތަކާއި ހައިޑްރޯޕޯނިކްސް ފަދަ ޒަމާނީ ވަޞީލަތްތަކާއެކުގައެވެ. ހިރިޔާ ސްކޫލުން މި ޕްރޮގްރާމް ފެށި ނަމަވެސް، ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރު ސްކޫލުތަކާއި، އަތޮޅުތަކުގެ ރަށްރަށުގައިވެސް މި ޕްރޮގްރާމް ފުޅާކޮށް، ގިނަ ދަރިވަރުންތަކަކަށް މި ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެފައިވެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާ ލިބި، ދުޅަހެޔޮ ކާނާއަށް ހޭލުންތެރިވެ، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދެމެހެއްޓެނިވި އުކުޅުތައް ދަސްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 5 ސްކޫލެއްގައި މި ޕްރޮގްރާމް ހިންގުމަށް ވަނީ ރާވާފައެވެ.
މި ގްރާންޓަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ.
މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ވިލުންވެށި ގްރާންޓް ޕްރޮގްރާމް ސަރުކާރުން ތައާރަފްކޮށްފައިވާއިރު، މިއީ ރާއްޖެފަދަ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ބޮޑު ޤައުމަކަށް ވަރަށް މުހިއްމު ޕްރޮގްރާމެއްކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.