ޚަބަރު

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް


އެމެރިކާއިން އިރާންއާއެކު ވެފައިވާ ޝަރުތުތައް ފުރިހަމަކުރަންދެން އެމެރިކާއާ އެއްވެސް ސީދާ މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ބާބުލް މަންދަބުއާއި ހުރްމުޒް ކަނޑުއޮޅިއާ ބެހޭގޮތުން ޢުމާންއާއެކު ވެވޭ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކުރި ވަގުތީ އެއްބަސްވުމާ ޚިލާފުވަމުންދާހާ ހިނދަކު، އެމެރިކާއާއެކު އެއްވެސް ސީދާ މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އަދި އެފަދަ މަޝްވަރާއެއް ފަށެން އޮތީ އެބަސްވުމުގައި ހިމެނޭ މާއްދާތަކަށް އެމެރިކާއިން ކިޔަމަންތެރިވީމަކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢަރާޤްޗީ ވިދާޅުވިއެވެ. ނަމަވެސް، މެދުވެރިން ބޭނުންކޮށްގެން ދެގައުމުގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވެމުންދާ ކަމަށް އޭނާ ހާމަކުރިއެވެ.

ޢަރާޤްޗީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި ޢުމާންއާއި ދެމެދު ވެވޭ އެއްބަސްވުން އޮތީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށެވެ. ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅި ވަގުތުން ހުޅުވިގެން ނުދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެހެރު ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭނީ އެމެރިކާއިން އެހެނިހެން ޝަރުޠުތައް ފުރިހަމަކޮށް، ދަތުރުފަތުރަށް ކަނޑުއޮޅި ހުޅުވާލުމުން ބޭނުންކުރާނެ އައު ނުވަތަ ޚާއްޞަ ކަނޑުގެ މަގުތަކެވެ.

އީރާނުގެ ރައީސް މައްސޫދު ޕެޒްޝްކިއަން އިއްޔެ ވަނީ، އީރާނާއި އޮމާން ގުޅިގެން އެއްބަސްވާ އުޞޫލުތަކަށް ޢަމަލުކުރުމުގެ ބަދަލުގައި، ހުރްމުޒް ކަނޑުއޮޅީގައި އަމިއްލަ ގޮތުން އިތުރު ދަތުރުފަތުރުގެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްކޮށް އެމެރިކާއިން ޖޫން މަހުގެ ފަހުމުނާމާއާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ޖޫން 18 ގައި ޕާކިސްތާނާއި ޤަޠަރުގެ މެދުވެރިކަމާއެކު އީރާނާއި އެމެރިކާއިން ސޮއިކުރި ފަހުމުނާމާގެ ސަބަބުން ދެގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ސީދާ ޙަމަލާތައް ހުއްޓުމަކަށް އައިސް، ނިހާއީ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތައް ފެށުނެވެ. ނަމަވެސް، ގަލްފުގެ ތެލާއި ގޭސް ބޭރުކުރާ އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަލާމަތީ ކަންކަމާއި ދަތުރުފަތުރުގެ މިނިވަންކަމާ މެދު އުފެދުނު ޚިލާފުތަކާ ހުރެ މަޝްވަރާތައް ވަނީ މިވަގުތަށް ހުއްޓިފައެވެ.

"އަޅުގަނޑުމެން ދޫދީފައިވާ އެއްވެސް މާއްދާއެއް އެ ފަހުމުނާމާއަކުން ފެންނާކަށް ނޯންނާނެ،" ޕެޒެޝްކިއަން ވިދާޅުވިއެވެ. އަދި ތެހެރާން އޮތީ ސޮއިކުރި އެއްބަސްވުމުގައި "ސާބިތުކަމާއެކު" ކަމަށްވެސް އޭނާ ކަށަވަރުކުރިއެވެ.