ޚަބަރު

ބަޔާނުން ވިލާގެ މައްޗަށް ކުރި ހޯދައިފި


  • މިމެޗު ބަޔާން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 1 ލަނޑުން

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިއާއަށް މިހާރު ޕްރީ ސިޒަން ޓުއަރ ކުރަމުންދާ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން އިންގްލިޝް ޕްރިމިއަރ ލީގުގެ އެސްޓަން ވިލާ ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗު ބަޔާނުން ކާމިޔާބު ކޮށްފިއެވެ.

ހޮންގ ކޮންގގެ ކައި ޓަކް ސްޕޯޓްސް ޕާރކްގައި ކުޅުނު މިމެޗު ބަޔާނުން ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ބަޔާނުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނެގީ ބަޔާނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިމް މިން ޖާއޭއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ޖަހާ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި ލުއިސް ޑިއާޒްއެވެ.

މިމެޗުގައި ވިލާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ މިދިޔަ މަހު 38 މިލިއަން ޕައުންޑްގެ އަގަކަށް ވުލްވަރހެމްޕްޓަން ވޮންޑަރަރސްއިން ވިލާއަށް ބަދަލުވި ޖާއޮ ގޯމޭޒެވެ. އަދި މެޗު ނިމެން ގާތްވެފައިވަނިކޮށް ޓެމީ އަބްރަހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާގެ ހަމަލާވަނީ ބަޔާންގެ ކީޕަރ މެނުއަލް ނޯޔާ ދިފާއުކޮށްފައެވެ.

މިމެޗުގައި ބަޔާނުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން ތަން ފެނިގެންދިޔައެވެ. އަދި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މައިކަލް އޮލީސޭ އާއި ހެރީ ކޭން ވޯލްޑް ކަޕްގެ ވަރުބަލިކަމުން އަރައިގަތުމަށް އަރާމު ކުރުމަށް އިތުރު ވަގުތު ދެވިފައިވުމުގެ ސަބަބުން މިޓުއަރގައި ބަައިވެރި ނުވެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ އޭނާގެ ޓީމުން މިމެޗުގައި ދެއްކި މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނާއި ނުލާ ބަޔާންގެ އަސްލު ކުޅުން މިހެން ކުޅޭ މެޗުތަކުގައި ފެނިގެންދިއުމުން ލިބުނު ހިތްހަމަ ޖެހުން ވަރަށް ބޮޑު ކަމުގައި ކޮމްޕެނީ ބުންޏެވެ.

އަންނަ ބުދަ ދުވަހު ޔުއޭފާ ސުޕަރ ކަޕްގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޕެރިސް ސެއިންޓް ޖާމެއިން އާއި ބައްދަލުކުރުމަށް ތައްޔާރުވަމުންދާ ވިލާގެ ޑިފެންޑަރ ޕައު ޓޯރޭޒް ބުނީ މިއީ ޕީއެސްޖީ އާއި މިއަންނަ ހަފްތާގައި ކުޅުމަށް ތައްޔާރުވުމަށް ވަރަށް ރަނގަޅު މެޗެއް ކަމަށެވެ. އަދި ބަޔާން ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅުމުގެ ފުރުޞަތު ލިބުމުން ޓީމު އޮތް ހާލަތު މިފަދަ މެޗުތަކުން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. ވިލާއިން އާ ސީޒަނަށް ކުރިމަތިލާން ޖެހިފައިވަނީ ޓީމުގެ މެދުތެރެއިން މުހިންމު ކުޅުންތެރިން ތަކަކާއި ނުލައެވެ. މިގޮތުން މޯގަން ރޮޖަރސް އާއި ޔޫރީ ޓިއެލެމަންސް ޓީމު ދޫކޮށް ގޮސްފައިވާއިރު އޮމަޑޫ އޮނާނާއަށްވަނީ ވޯލްްޑް ކަޕްގެ ތެރޭގައި އަނިޔާވެފައެވެ.