ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނައިބު މި ޒިޔާރަތަކީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި މުޙައްމަދު އިސްހާޤް ދަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައި ދެ ޤައުމުގައި ދެމެދު އޮތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނަށް އެޤައުމުން ދަންނަވާފައިވާ ހޫނު މަރުހަބާއަށާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ދެ ޤައުމަށް ފައިދާވާނެ ގޮތަށް މިމަސައްކަތް ކުރައްވާ، މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރާއްޖެއިން އެދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ދެއްކެވި ވާހަކަފުޅުގައި އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށްވެސް މަރުހަބާ ދަންނަވާފައިވެއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ގުޅުން ބަދަހިކުރެވޭނެ ދައިރާތައް ފާހަގަކުރައްވާފައެވެ. މިގޮތުން ވިޔަފާރި އާއި އިންވެސްޓްމެންޓުގެ އިތުރުން ތަޢުލީމީ ދައިރާ އަދި މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމާއި ފަތުރުވެރިކަމުގެ ދައިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާތީ އެކަމަށްވެސް ބޮޑުވަޒީރުގެ ނައިބު މަރުހަބާ ދެންނެވިއެވެ. އެގޮތުން ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމުގެ ތެރެއިން ދެ ޤައުމުގެ ވިޔަފާރިވެރިން ގުޅުން ބަދަހިވެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހިނގާ އޮކްޓޫބަރުމަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.