ޚަބަރު

ކެނޭޑިއަން އޯޕަންގެ ހަތަރުވަނަ ބުރަށް ސަބަލެންކާ


  • މިމެޗު ސަބަލެންކާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުން

ކެނެޑާގެ ޓޮރޮންޓޯގައި މިހާރު ކުރިއަށްދާ ކެނޭޑިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ހަތަރު ވަނަ ބުރުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރު ވަނަ ބުރުން ސަބަލެންކާ ޖާގަހޯދީ ތިންވަނަ ބުރުގައި ޗައިނާގެ ޒާންގ ޝުއާއިއާ ވާދަކޮށް، މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. 76 މިނެޓަށް ދިގު ދެމިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ހައެއް ތިނަކުން ސަބަލެންކާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

މިކާމިޔާބީއާއެކު ސަބަލެންކާ މިވަނީ ޒާންގ އާއި އެންމެ ފަހުން ބައްދަލުކުރި ފަސް މެޗުވެސް ސެޓެއް ގެއްލުވައިނުލައި ކާމިޔާބު ކޮށްފައެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ސަބަލެންކާ ވާދަކުރާނީ ސޯޅަ ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ އެކަޓެރީނާ އެލެގްޒެންޑްރޯވާ އާއެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުން އެލެގްޒެންޑްރޯވާ ޖާގަހޯދީ ތިންވަނަ ބުރުގައި އޮސްޓްރޭލިއާގެ ޓަލިއާ ގިބްސަން އާއި ބައްދަލުކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ކަޒަކިސްތާންގެ އެލޭނާ ރީބަކީނާވެސް ވަނީ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. އެއީ އަށާވީސް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ އާން ލީ އާއި ވާދަކުރި މެޗު ހައެއް ދެއެއް އަދި ހަތެއް ފަހަކުން ކާމިޔާބު ކޮށްގެންނެވެ. މީގެއިތުރުން ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި އުޒްބެކިސްތާންގެ ކަމީލާ ރަޙިމޯވާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބުކޮށް ޕެގޫލާ ހަތަރު ވަނަ ބުރުން ޖާގަހޯދާފައިވާއިރު ހަތްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުވާޓެކްވެސް ވަނީ ހަތަރު ވަނަ ބުރުން ޖާގަހޯދައިފައެވެ. އެއީ ސްވިޓްޒަލަންޑްގެ ވިކްޓޯރިއާ ގޮލުބިޗް އާއި ބައްދަލުކުރި މެޗު ހައެއް ދެއެއް އަދި ހައެއް އެކަކުން ކާމިޔާބު ކޮށްގެންނެވެ.