ޚަބަރު

މަދިރިން ރައްކާ: އަމާން އުދަރެސް ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް


  • އަމާން އުދަރެސް ސަރަހައްދުގެ ހުރިހާ ކުންޏެއް ނަގާނެ

  • އެސަރަހައްދައް ކުނި އަޅާ މީހުން ދެނެގަނެ ފިޔަވަޅު އަޅާނެ

"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީ، އާއި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

"މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން ހިންގާ ސާފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ފެށި މުހިންމު ހަރަކާތެއް ކަމަށެވެ.

މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވައި، ޒުހައިރު ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ޚާއްސަކޮށް، ހުޅުމާލެއަކީ ކުނިބުނިން ސަލާމަތްވެފައިވާ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށް ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ހުޅުމާލޭގައި ކުނި ގިނަވުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުނި ނެގުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބޭނުންވަނީ މަގޭ ހުޅުމާލެ، މިޝިއާރުގެ ދަށުން އެއީ މަގޭވެސް ހުޅުމާލެއޭ ސާފުތާހިރު ރަނގަޅު މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދި އަޅުގަނޑުމެންގެ ދަރިންނަކީވެސް އެންމެ ރަނގަޅު ގޮތުގައި ބޮޑުވެގެންދާ މާހައުލަކަށް ހުޅުމާލެ ބަދަލުކުރުން" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި "އަމާން އުދަރެސް" ސަރަހައްދުގައި ރައްޔިތުންނަށް ހިތްފަސޭހަ މާހައުލުތަކެއް ގާއިމުކުރެވޭނެކަމަށެވެ. މިގޮތުން ހިޔާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މައިޒާންތަކާ އެއްފަދައިން، އެސަރަހައްދުގައިވެސް ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، އާންމުންނަށް އިށީނދެލައިގެން ތިބެވޭނެ ފަދަ ހިތްގައިމު ބަގީޗާތަކާއި މައިޒާންތައް ބިނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިމަސައްކަތާ ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާޤް ވިދާޅުވީ، އެޗްޑީސީން ކުރިއަށްގެންދާ "މަދިރިން ރައްކާ" ޕްރޮގްރާމްގެ ދަށުން "އަމާން އުދަރެސް" ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިއީ އެ ސަރަހައްދަކީ ސާފުތާހިރު، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. ރައްޒާޤް ވިދާޅުވީ، މި ސަރަހައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން، ސަރަހައްދު ސާފުކުރުމަށްފަހު އެތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މިތަން ސާފުކުރުމަށްފަހު ކުނި އެޅޭނެ އިތުރު ގޮތްތަކެއް އަޅުގަނޑުމެން ނުއެއް ބަހައްޓާނަން. ކުނި އަޅާ ބޭފުޅުން އަޅުގަނޑުމެން ހައިލައިޓްކުރާނަން. މިހާރު އަޅުގަނޑުމެންގެ ކެމެރާ ސިސްޓަމް އޮންލައިން ކުރުމުގެ މަސައްކަތް މިހާރު އެދަނީ. ހުރިހާކަމެއް ކެމެރާ ސިސްޓަމްތަކެއް އެހުރީ ގްރައުންޑް ފްލޯގައި ހަރުކޮށް ނިމިފައި އެހުރީ. މިހާރު އެދަނީ ޓެސްޓިންގެ މަސައްކަތް . ކެމެރާތައް ލައިވްވާ ހިސާބުން އެފޮޓޯ އަޅުގަނޑުމެންނަށް ފެންނާނެ. ފެނުނީމަ ފިޔަވަޅު އަޅާނެ" އިބްރާހިމް ރައްޒާޤް ވިދާޅުވިއެވެ.

މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ސާފުކުރުމުގެ ހަރަކާތާއެކު ފޮގު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މަދިރިން ރައްކާ ޕްރޮގްރާމްގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައްދަނީ ހިންގަމުންނެވެ.