އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތުކުރީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭނުގައި 2026-2029 އަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނާފައިވާއިރު އެއީ ޓެކްނޮލޮޖީގެ ބޭނުން ފުރިހަމައަށް ކޮށް، ޒަމާނީ އޮޑިޓިން ނިޒާމަކަށް ވާސިލްވުމުގެ އުއްމީދާއެކު އެކުލަވާލާ ޕްލޭނެކެވެ. އެ ޕްލޭންގައި ހިމަނާފައިވާ ލަނޑުދަނޑިތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ހިންގާ އޮޑިޓްތަކުގެ ނަތީޖާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އުފެއްދުންތަކުގެ ފެންވަރު މަތިކުރެވޭނެއެވެ. އޭގެ ސަބަބުން ދައުލަތުގެ އިދާރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކުރުމަށް އެ ޕްލޭނުން މަގުފަހިކޮށްދެއެވެ.
އެ ޕްލޭންގައި މައިގަނޑު 3 ލަނޑުދަނޑިއެއް ހިމަނާފައިވެއެވެ. އެގެތެރޭގައި ހިމެނެނީ:
އައު ސްޓްރެޓީޖިކް ޕްލޭންގައި، ތިމާވެއްޓާއި ގުޅުންހުރި ބަދަލުތަކަށް ޖަވާބުދާރީކުރުވުމަށް މަގުފަހިކޮށްދޭނެ އޮޑިޓްތަކާއި، އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ދެނެގަތުމަށް ހިމަނާފައިވެއެވެ. އެގޮތުން ބަޔޯޑައިވަރސިޓީ އާއި ކުނި މެނޭޖްކުރުމާއި، ފެނުގެ ވަސީލަތްތަކާއި ގުޅޭ ތަފްސީލްތައް ހިމެނޭހެން އެ ދާއިރާގެ އޮޑިޓްތައް މިހާރަށް ވުރެ ފުޅާކުރުމަށް އެ ޕްލޭންގައި ވަނީ ހިމަނާފައެވެ.
ހަމައެހެންމެ ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލްތައް ހިންގުމުގައި ރައްޔިތުންނަށް އެންމެ ފައިދާ ލިބޭގޮތަށް ނިޒާމް ހިންގާކަން ކަށަވަރުކުރުމަށާއި، ޖަވާބުދާރީވުމުގެ ނިޒާމް ހަރުދަނާކުރުމަށް މަގުފަހިކުރުމަށް އޮޑިޓްތައް ބައްޓަންކުރުމަށް އެ ޕްލޭންގައިވަނީ ލަނޑުދަނޑިތަކެއް ހިމަނާފައެވެ.
އެ ޕްލޭންގައި މާލީ މުއާމަލާތުތަކަށް އިދާރާތަކާއި މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އޮޑިޓްތައް އަވަސްކޮށް، މާލީ ގޮތުން ލިިބިދާނެ ގެއްލުންތަކާއި، ބަޖެޓުން ބޭރުން ކުރާ ޚަރަދުތައް ފަދަ ކަންކަން އެނގޭނެ ގޮތަކަށް އޮޑިޓްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ހިމަނާފައެވެ.
މީގެއިތުރުން އޮޑިޓް އޮފީހުގެ މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ގާއިމުކޮށް، މަސައްކަތުގެ ހިންގުންތެރިކަން އިތުރުކުރުމަށްޓަކައި އޮފީހުގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ. ހަމައެހެންމެ، ޖަވާބުދާރީވުމާއި ދެފުށް ފެންނަ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ އޮނިގަނޑު ވަރުގަދަކުރުމާއި، އެކަންކަން ހާސިލުކުރުމަށް ބޭނުންވާ މުހިންމު މަގުސަދުތައް މި ޕްލޭންގައި އެކަށައަޅާފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެ ސްޓްރެޓެޖީ އެކުލަވާލާފައި ވަނީ ޒަމާނީ، ބަރޯސާވެވޭ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކު ކަމަށެވެ. ހަމައެހެންމެ އައު ޕްލޭންގައި އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.
"މިއަދަކީ ރާއްޖެއަށް ވަރަށް ޚާއްސަ ދުވަހެއް. އެއީ އަޅުގަނޑުމެން މި ތަޢާރަފްކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން. މި ޕްލޭން އެކުލަވާލާފައިވާނީ ޤައުމީ މަސްލަހަތު އިސްކޮށް، އާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތަށް ވިސްނުން ބަހައްޓައިގެން." އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވިއެވެ.
އައު ސްޓްރެޓީޖިކް ޕްލޭންގައި އޮޑިޓިންގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ތަސައްވުރު ހިމަނާފައިވެއެވެ. އެގޮތުން ފޮރެންސިކް އޮޑިޓްތަކާއި، މައުލޫމާތުގެ ނިޒާމާއި އެހެނިހެން ޚާއްސަ އޮޑިޓްތަކާއި ގުޅޭ އޮޑިޓްތައް ވިލަރެސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންސާނީ ވަސީލަތްތަކާއި އުމްރާނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަކީ ނިޒާމީ ގޮތުން އޮޑިޓް އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް އެ ޕްލޭންގައި ހިމަނާފައިވާ މުހިންމުކަންކަމެވެ. ކުރިއަށް އޮތް ހަތަރު އަހަރަކީ ޤައުމީ ފެންވަރުގައި އާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް މުހިންމު މަސައްކަތަކެއް ކުރާނެ އަހަރުތަކެއްކަން އެ ޕްލޭންގައި ފާހަގަކޮށްފައިވެއެވެ.