ތުރުކީވިލާތާއި ސަޢޫދީ ޢަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ސޮއިކުރެވުނު މައްކާގެ ގުޅިފައިވާ ދިފާޢީ އެއްބަސްވުމަކީ ވަކި ޤައުމަކަށް އަމާޒުކުރެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، މި އެއްބަސްވުމުގައި ބައިވެރިވުމުގެ ފުރުޞަތު ސަރަޙައްދުގެ ހުރިހާ ޤައުމަކަށް އޮންނާނެ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. މި މޭރުމުން ވިދާޅުވެ، އޭނާ ވަނީ ސަރަޙައްދީ ހަމަޖެހުމާއި، އަމާންކަމާއި ފާގަތިކަމަށް އެދޭ އެކުވެރި އެހެން ޤައުމުތަކުން ވެސް މި އެއްބަސްވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ. މައްކާ ދިފާޢީ އެއްބަސްވުމުގައި މި ތިން ޤައުމުން ސޮއިކޮށްފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންގެ ދަޢުވަތަކަށް އުރުދުޣާން މައްކާއަށް ކުރެއްވި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
އުރުދުޣާން ވިދާޅުވީ، ގުޅިފައިވާ ދިފާޢީ އުސޫލުތަކުގެ މައްޗަށް އެކުލަވައިލި މި އެއްބަސްވުމުގެ ސަބަބުން ސަލާމަތީ އަދި ދިފާޢީ އެއްބާރުލުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގައެވެ. އަދި، ދިފާޢީ އުފެއްދުންތެރިކަމުގެ ގުޅިފައިވާ މަޝްރޫޢުތަކާއި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމުގައެވެ. މީގެ އިތުރުން، އެކުވެރި ދައުލަތްތަކުގެ (އދ) ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ އަމިއްލަ ދިފާޢުގައި ފިޔަވަޅުއެޅުމުގެ ޙައްޤު މި އެއްބަސްވުމުގެ ދަށުން އައުކޮށްދޭ ކަން އުރުދުޣާން ފާހަގަ ކުރެއްވިއެވެ. މަޝްވަރާގެ މަގުން މައްސަލަތައް ޙައްލުކުރުމުގައި ތުރުކީވިލާތުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ވެސް އޭނާ ދެއްވިއެވެ.
ތުރުކީވިލާތުގެ މަޞްދަރުތަކުން ބުނީ، މައްކާ ދިފާޢީ އެއްބަސްވުމަކީ މަސްއޫލިއްޔަތުތައް ހިއްސާކުރުމާއި ސަލާމަތީ ޢާންމު އުސޫލުތަކުގެ ތެރެއިން ސަރަޙައްދީ އަދި ދުނިޔޭގެ ޞުލްޙައާއި ހަމަޖެހުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެކުލަވައިލެވުނު އެއްބަސްވުމެއް ކަމުގައެވެ. މީޣެ އިތުރުން، ކުރިމަތިވެދާނެ ކޮންމެ ޢުދުވާނީ ހަމަލާއަކުން ދިފާޢުވުމުގެ ގުޅިފައިވާ ޤާބިލުކަން ވަރުގަދަކުރުމުގެ ފުރުޞަތު މި އެއްބަސްވުމުގެ ބައިވެރިންނަށް ލިބިގެންދާނެ ކަމުގައެވެ. އަދި، މި ތިން ޤައުމުން ކުރެ ޤައުމަކަށް ދެވޭ ކޮންމެ ޢުދުވާނީ ހަމަލާއަކީ ތިން ޤައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމުގައި ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.