އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ މަގެއް ހޯދައިދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް ޑޭން ކެއިން، ސަރުކާރުގެ އިސްވާރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ. އޭނާ މި ކަމަށް އިލްތިމާސް ކުރައްވާފައި ވަނީ އަސްކަރީ ގޮތުން ކުރެވެން ހުރި ކަންކަމުން އެދެވޭ ނަތީޖާއެއް ނުލިބި، އީރާނުގެ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަވެގެން ގޮސްދާނެކަމުގެ ބިރު ބޮޑުވެފައިވާތީއެވެ. މި ކަންބޮޑުވުންތައް ނައިބު ރައީސް ޖޭޑީ ވޭންސް އަދި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ހިއްސާ ކޮށްފައިވާ ކަމުގައި އެމެރިކާގެ ބްރޯޑްކާސްޓަރު، ސީއެންއެންއިން ރިޕޯޓު ކުރެއެވެ. ނަމަވެސް، ހަނގުރާމަ ފުޅާކުރުމަށް ސަރުކާރުން އަމުރުކޮށްފި ނަމަ، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ޤާބިލުކަން އެމެރިކާގެ އަސްކަރިއްޔާގައި ހުރި ކަމުގައި އޭނާ ވިދާޅުވިއެވެ.
ކެއިން ދެކެވަޑައިގަންނަވާ ގޮތުގައި، ވައިގެ ޢުދުވާން ވަރުގަދަ ކުރުމަކީ ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އީރާނަށް މަޖުބޫރު ކުރެވޭނެ މަގެއް ނޫނެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާގެ ސްޓޮކުގައި ހުރި ދުރު-ރާސްތާ މިސައިލާއި، ދިފާޢީ މިސައިލްތަކުގެ ޢަދަދު ކަންބޮޑުވާ މިންވަރަކަށް ވަނީ ދަށްވެފައެެވެ. ޢުދުވާންތައް އިތުރަށް ފުޅާކުރުމަށް ޖުލައި މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމަށްފަހު، މެދުއިރުމަތީގެ ބާރުތަކުގެ އެދުމުގެ މަތިން އެ ކަން ވަނީ މަޑުޖައްސަވައިލައްވާފައެވެ. ސަބަބަކީ، އީރާންގެ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ނުރައްކާ އޮތުމެވެ. މަސްރަޙުގެ ދާރިސުން ވިދާޅުވީ، ހަނގުރާމައަށް ސިޔާސީ ކާމިޔާބީއެއް ހޯދިފައިވާ ކަން ދެއްކޭނެ މަގެއް ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ބޭނުމަކީ، ޚާރިޖީ ގޮތުން ޙައްލެއް ހޯދުމަށް ފުރުޞަތު ދިނުމެވެ. މީގެ ތެރޭގައި، ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުޅުވައިލެވޭނެ އެއްބަސްވުމެއް އެކުލަވައިލުން ހިމެނެއެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ޞިހްޔޫނީން ރުއްސުމަށެވެ. ގިނަ ހަމަލާތައް އަމާޒު ކޮށްފައި ވަނީ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށެވެ. ނަމަވެސް، ރައްދުގައި އީރާނުން ވަނީ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ގަލްފުގެ ޤައުމުތަކުގެ ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. ޖޫން މަހު ޕާކިސްތާނާއި ޤަޠަރުން މެދުވެރިވެގެން ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ކަނޑުއޮޅި ހުޅުވައިލުމަށް އަދިވެސް އޮތީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެ ކަމަށް ޙައްލެއް ހޯދުމަށް އީރާނާއި ޢުމާނުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލުން ގާތްވެފައިވާ ކަމަށް ބެލެވޭއިރު، ހުރްމުޒް ހުޅުވިގެން ދިޔުމުން ތެޔޮ އެކްސްޕޯޓު ކުރުމަށް ގަލްފްގެ ޤައުމުތަކަށް އޮތް ހުރަސްތަކަށް ނިމުމެއް އަންނާނެއެވެ.
އަނެއްކޮޅުން، ހަނގުރާމައަށް ފޮނުވާފައިވާ އެތައް ހާސް އެމެރިކާގެ ސިފައިންގެ ޢާއިލާތަކުން ދަނީ، ހަނގުރާމައިގެ ދިގުލައިގެން ގޮސްފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ގޮތުން، ހަނގުރާމައަށް ފޮނުވާފައިވާ އަސްކަރީ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަންގައި ތިބި 5,000 އަށްވުރެ ގިނަ ސިފައިންގެ ޢާއިލާތަކުން ވަނީ، އެ މީހުންގެ ޢާއިލާގެ މެންބަރުންގެ ޞިއްޙީ އަދި ނަފުސާނީ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ކަނޑުގެ ސިފައިންގެ އިސްވާރުންނާ ބައްދަލު ކޮށްފައެވެ. 200 ޢާއިލާއަކުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، މަނަވަރުގައި ތިބި ސިފައިންނަށް ރައްކާތެރި ކާބޯތަކެތި ނުލިބޭ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. އެ މަނަވަރު ކަނޑުގެ އޮޕަރޭޝަނުގައި މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންދާތާ 259 ދުވަސް ފާއިތުވެފައިވާއިރު، އޭގެ ބަދަލުގައި ޔޫއެސްއެސް ތިއޮޑޯ ރޫސެވެލްޓް މެދުއިރުމައްޗަށް ފޮނުވުމަށް އަސްކަރިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، އެ މަނަވަރުގެ ދަތުރު ފަށާނެ ތާރީޚު ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނީ، ލިންކަން މަނަވަރުގައި ތިބި ސިފައިންނާއި އެ މީހުންގެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ތަކުލީފުތައް ބަލައިގަނެ، ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.