ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކާ ހަމައަށް ޢުމާންއާއެކު އައުމަށް ގާތްވެފައި ކަމަށް އީރާނުން ބުނެފިއެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެ ކަނޑުއޮޅި އެއްކޮށް ހުޅުވައިލުމަށް މަގުފަހިވާނެ އެއްބަސްވުމެއް ނޫން ކަމަށް އެ ޤައުމުން ބުުނެއެވެ.
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމެއް އީރާނާއި ޢުމާންއާ ދެމެދު ޤާއިމް ކުރުމަކީ، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އީރާނަށް ހަމަލާ ދީ ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން، ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ދަނީ ވަރަށް ބޮޑަށް ބާރު ފޯރުވައި، އެ ކަނޑުއޮޅި ބޭނުންކުރުމަށް އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ.
އެމެރިކާގެ އިސް ބޭފުޅަކު ވިދާޅުވީ ހުރްމުޒް ކަނޑުއޮޅީގެ ދެ ފަރާތުގައި އޮންނަ ދެ ޤައުމު ކަމަށްވާ އިރާނާއި ޢުމާންއާ ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެ އެއްބަސްވުމާއެކު އަނެއްކާ ވެސް ހަނގުރާމައިގެ ކުރިއެކޭ އެއްގޮތަށް އެ ކަނޑުއޮޅި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވެސް ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށެވެ. ނަމަވެސް އެ މަގު އަލުން ހުޅުވައިލުން ބަރޯސާވާ އިތުރު ކަންތައްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް ބަދަލުދިނުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ އެންމެ މަތީ ސަލާމަތީ އިދާރާގެ ސެކެޓްރީ، މުޙައްމަދު ބާޤިރު ޒުލްޤަދްރު ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނުން ކުރާ އެހެން ޝަރުތުތައް ވެސް ބަޔާންކުރައްވައިފައެވެ. އޭގެ ތެރޭގައި އެމެރިކާއިން އީރާނަށް އިންޒާރު ދިނުން ހުއްޓައިލުމާއި، އީރާނާއި، އެ ޤައުމަށް ވާގިވެރިވާ ލުބުނާނާއި ފަލަަސްޠީނާއި ޔަމަނާއި ޢިރާޤުގެ ބައިވެރިންނަށް ހަމަލާ ދިނުން ހުއްޓައިލުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާ ދޫކޮށްލުން ވެސް ހިމެނެއެވެ.
ޢުމާންއިން ވެސް ބުނީ އެއްަބަސްވުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. މަޝްވަރާތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ނުކުރުމުގެ މުހިންމުކަން އެ ޤައުމުން ވަނީ ފާހަގަކޮށްފައެވެ. އަދި ހުރިހާ ފަރާތެއްގެ މަސްލަހަތު ވެސް ޝާމިލުވާ ގޮތަށް މަޝްވަރާތަކުގައި ހޯދިފައިވާ ކުރިއެރުންތައް ގެއްލޭ ފަދަ ގޮތަކަށް ޢަމަލު ނުކުރުމަށް އެ ޤައުމުން ގޮވާލާފައިވެއެވެ.
އަރާޤްޗީ ވަނީ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ދެ ޤައުމުން މީގެ ކުރިން ޢަމަލުކުރަމުން ދިޔަ ޝިޕިންގ މަގުތަކުގެ އުސޫލު އީރާނަށް މިހާރު ކަމުނުދާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އުޅަނދުފަހަރަށް ބޭނުންކުރެވޭނެ ވަގުތީ ރޫޓަކާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި، ދާއިމީ ރޫޓެއް ޤާއިމްކުރުމާ ގުޅޭގޮތުން ފަންނީ އަދި ޤާނޫނީ މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.