ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރަޙައްދީ ނުތަނަވަސްކަން އިތުރުވެފައިވަނިކޮށް، ބަލްގޭރިޔާގެ 'ޓްރާންސް-ބޯލްކަން' ގޭސް ހޮޅިތައް ކައިރިއަށް އަސްކަރީ ޑްރޯނެއް ވެއްޓި ގޮވައިފިއެވެ. ބަލްގޭރިޔާގެ ބޮޑުވަޒީރު ރުމެން ރާދޭފް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ރުމޭނިޔާއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ކަރްދަމް ސަރަޙައްދުގައި ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ، ތުރުކީވިލާތާއި ޔޫކްރެއިނާ ދެމެދު އަޅާފައިވާ ގޭސް ހޮޅިތަކުގެ ކޮމްޕްރެސަރު ސްޓޭޝަނެއް ކައިރީގައެވެ. އެ ޑްރޯންގައި ބާރުގަދަ ގޮވާތަކެތި ހުރި ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ރާދޭފް ވިދާޅުވިއެވެ.
ބަލްގޭރިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އެއީ ޔޫކްރެއިންގެ އަސްކަރިއްޔާއިން ޢާންމު ގޮތެއްގައި ބޭނުންކުރާ 'މާޔާ' މަރުކާގެ ޑްރޯނެއް ކަމަށް ބެލެވޭ ކަމުގައެވެ. މިއީ، ގަސްދުގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. ޔޫކްރެއިންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހެއޮރްހީ ތޭޚީ ވެސް ވަނީ، ބަލްގޭރިޔާއަށް އަމާޒުކޮށް ގަސްދުގައި އެއްވެސް ޑްރޯނެއް ފޮނުވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ހާދިސާގެ ޙަޤީޤަތް ސާފުކުރުމަށް ދެ ޤައުމުން މަސައްކަތް ކުރަމުންދާއިރު، ބަލްގޭރިޔާގެ ޚާރިޖީ ވަޒީރު ވަނީ އެ ޤައުމަށް ޔޫކްރެއިނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ހާޒިރުކޮށް، ސުވާލު ކުރަައްވާފައެވެ.
ބަލްގޭރިޔާގެ އިތުރުން ޖަރުމަނުވިލާތުގެ މެއިޚާނިޚްގައިވާ އަސްކަރީ މަރުކަޒާއި، ލައިޕްޒިޚް/ހަލަރ އެއާޕޯޓުގެ ވައިގެ ސަރަޙައްދަށް ވެސް އަސްކަރީ ޑްރޯންތަކެއް ވަދެފައިވެއެވެ. މެއިޚާނިޚް މަރުކަޒަކީ ހަތިޔާރު ރައްކާކުރާ ގުދަންތަކެއް ހުންނަ ތަނެކެވެ. އަދި، ޖަރުމަނުވިލާތުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ 'ޕޭޓްރިޔަޓް' ވައިގެ ދިފާޢީ ނިޒާމު ބަލަހައްޓާ އެމެރިކާގެ ސިފައިން ތިބޭ މަރުކަޒެވެ. ލައިޕްޒިޚް އެއާޕޯޓުން ޑްރޯންތަކެއް ފެނިފައި ވަނީ، ޔޫކްރެއިންގެ އެންޓޮނޯފް އެން-124 މަރުކާގެ މަތިންދާބޯޓުތަކެއް ޕާކުކޮށްފައި ހުރި ސަރަޙައްދަކުންނެވެ. އެއީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދުން (ނޭޓޯ) ވެސް ބޭނުންކުރާ އެއާޕޯޓެކެވެ. ޖަރުމަނުވިލާތުގެ ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.
ރަޝިޔާއާއި ޔޫކްރެއިނުން ހަނގުރާމައިގެ ބޭނުންކުރާ އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ނޭޓޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް އެތެރެވުން އިތުރުވުމާއެކު، ހަނގުރާމަ ފުޅާވެގެން ގޮސްދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ޖަރުމަނުވިލާތުގެ ސިޔާސީ ބޭފުޅުން ވަނީ، ޑްރޯންތައް ފޮނުވާފައި ވަނީ ރަޝިޔާއިން ގަސްދުގައި ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން އެ ކަން ދޮގުކުރެއެވެ. ބަރްލިންގައި ހުންނަ ރަޝިޔާގެ ސަފާރާއިން ވަނީ، ލައިޕްޒިޚުން ޑްރޯނެއް ފެނުނު ހާދިސާއަކީ އެއްވެސް ޙަޤީޤަތެއް އަދި ހެއްކެއް ނެތި، ޖަރުމަނުވިލާތުގެ ސަރުކާރުން އުފައްދައިގެން އުޅޭ ތުހުމަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.