ޚަބަރު

އިނގިރޭސިވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އެ ޤައުމުން

  • ޖުމްލަ ފަތުރުވެރިންގެ %7.6 އިނގިރޭސި ފަތުރުވެރިން

އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 101,391 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %7.6އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 125,500 ފަތުރުވެރިންނާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

އިނގިރޭސިވިލާތަކީ، މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތް ޤައުމެވެ. މިދިޔަ އަހަރު ނިމުނު އިރުވެސް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އެޤައުމުންނެވެ. މިދިޔަ އަހަރު މުޅި ޖުމްލަ 201,797 ފަތުރުވެރިން އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވެއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުުމުތަކަކީ، ޗައިނާ އަދި ރަޝިއާއެވެ.

އެންމެ ގިނައިން ފަތުރުވެެރިން ޒިޔާރަތް ކުރި 3 ޤައުމު:

* ޗައިނާ: 232,148 ފަތުރުވެރިން
* ރަޝިއާ: 188,543 ފަތުރުވެރިން
* އިނގިރޭސިވިލާތް: 101,391 ފަތުރުވެރިން

ތަފާހިސްބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އެރިއިރު، އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.