ޚަބަރު

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް މިހާރު ކްރެޑިޓަށް ތެޔޮ ލިބޭނެ


  • މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ

  • އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިން

  • މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފްއެސްއެމް އާއި މިފްކޯއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރީ މިއަދު މެންދުރުފަހު މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިގޮތުން މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސްއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާންއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، މިފްކޯއަށް މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެއެވެ. މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ގާއިމުކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ.

ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މިއީ، މިފްކޯގެ މިހާރުގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުންވެސް މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން، މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން، މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރެވޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާއިރު، މިއީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އައު އިންތިޒާމާއެކު މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ މަސްވެރިންނަށް މަހަށް ފުރުމަށް ލިބުނު އިތުރު ހިތްވަރަކަށްވެސް ވެގެންދާނެކަމަށް މިފްކޯއިން ދެކެއެވެ.