ޚަބަރު

"ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާއާ ވަކިކުރަންޖެހޭ ސަބަބެއް ނޫން"


  • ކުއްޖަކު ދައުލަތަށް ނަގާނީ މަސްލަޙަތާއި ރައްކާތެރިކަމަށްޓަކައި އިތުރުގޮތެއްނެތުމުން

  • ދައުލަތަށް ނަގާނީ މައިންބަފައިންގެ ގާތުގައި ބަހައްޓައިގެން ރައްކާތެރިކަން ފޯރުކޮށްދެވޭތޯ ބަލާފައި

  • ޢާއިލާގައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ މެންބަރަކު ހުރިތޯބަލަން މަސައްކަތްކުރޭ

މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ތުއްތު ކުއްޖަކު ދައުލަތަށް ނަގާނެ ސައްޙަ ސަބަބެއް ނޫންކަމަށް ސިއްޙަތާއި ޢައިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވީ ތުއްތު ކުއްޖަކު މައިމީހާއާއި ވަކިކޮށް ދައުލަތަށް ނަގާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަތަކާތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތާކާ ގުޅޭގޮތުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިންވަނީ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ކުޑަކުއްޖެއްގެ ކަމެއް ހިމެނޭ އެއްވެސް މައްސަލައެއްގައި ދައުލަތުން އެންމެ ފުރަތަމަ އިސްކުރާނީ ކުއްޖާގެ ރައްކާތެރިކަމާއި އެކުއްޖާގެ މަސްލަޙަތަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ޢަމަލުކުރަމުންދާ ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުދިންނަށް ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ އެކުދިންގެ ހައްގެއްކަމަށެވެ.

ތުއްތުކުދިން ޝާމިލުވާ ކަންކަމުގައި ގޮތްނިންމުމުގައި ދައުލަތުން އަބަދުވެސް އިސްކުރާނީ އެކުދިންގެ މަސްލަޙަތުކަން ފާހަގަކުރައްވާ އެވުޒާރާއިން ވިދާޅުވީ އެފަދަ ކޮންމެ ހާލަތެއްގައިވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނީ ވަގުތީގޮތުންކަމަށެވެ. އަދި ދައުލަތަށް ކުއްޖާ ނެގުމުގެ ކުރިން އިތުރަށް ކަށަވަރުކުރާ ކަންކަން ހުންނަކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ކުއްޖާގެ މައިންބަފައިންނަށް ދިމާވާ ހާލަތެއްގެ ސަބަބަބުން ކުއްޖަކު ދައުލަތަށް ނެގުމުގެ ކުރިން، ކުއްޖާގެ މައިން ބަފައިންގެ ގާތުގައި ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެބަޔާނުގައިވެއެވެ. އަދި އެކުއްޖާ ހިމެނޭ ޢާއިލާއެއްގެ ތެރޭގައި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ މެމްބަރަކު ހުރިނަމަ އެކުއްޖަކު އެފަރާތަކާއި ހަވާލުކުރުމަށް ދައުލަތުން ބާރުއަޅާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި މައިންބަފައިންނާއި ޢާއިލާތެރޭގައިވެސް އެރައްކާތެރިކަން ކުއްޖާއަށް ލިބެން ނެތްކަން ކަށަވަރުވާ ހާލަތްތަކުގައި ނޫނީ، ކުއްޖަކު ދައުލަތަށް ނުނަގާނެކަމަށް އެބަޔާނުގައިވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ގޮތަކަށް ނަގާއިރުވެސް ކުއްޖަކު ދައުލަތަށް ނަގާނީ ވަގުތީގޮތުންކަމަށް އެބަޔާނުގައިވެއެވެ.

ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެކުއްޖަކު ދައުލަތަށް ނަގައި، މައިންބަފައިންނާއި ވަކިކުރުމަށް އޮތް ސައްޙަ ސަބަބެއް ނޫންކަމަށެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުންދަނީ ތުއްތު ކުއްޖަކު މަންމައާއި ވަކިކޮށް ދައުލަތަށް ނަގާފައިވަނީ އެއަންހެން މީހާގެ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުންކަމަށް ބުނެ ޚަބަރު ފަތުރަމުންނެވެ. މިމައްސަލައާއި ގުޅިގެން އެވުޒާރާއިން ވިދާޅުވީ މިއީ ސައްޙަ ޚަބަރެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ތުއްތު ކުއްޖެއްގެ މަސްލަޙަތު މިކަމުގައި ޝާމިލުވާއިރު އެކުދިންގެ ރައްކާތެރިކަމަށް އަދި ކަރާމާތަށް އުނިކަން އައިސްދާނެ ފަދަ ގޮތަކަށް މިފަދަ ޚަބަރުތައް ވާހަކަތައް ނުފެތުރުމަށް ޢާއިލާއާއި ބެހޭ ވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ޚަބަރުތަކާއި ގުޅިގެން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް އިތުރު ނާޒުކުހާލަތަކަށް ހުށައެޅުމުގެ ފުރުސަތު އޮތްކަމެއްކަމުން އެފަދަ ޚަބަރުތައް ހަގީގަތް ބެލުމެއް ނެތި ނުފެތުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.