ޚަބަރު

ޔަހޫދީން ފަލަސްޠީނުގެ 1،700 މީހުންގެ ހަށިތައް ޙަވަލާނުކޮށް، ހިފަހައްޓައިގެން


ފަލަސްޠީނުގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ޔަހޫދީ އަސީރަކު މިހާރު ނެތް ނަމަވެސް، މުސްތަޤުބަލުގައި އަސީރުން ބަދަލުކުރުމުގެ ޙަރަކާތެއްގައި "ބާރެއްގެ" ގޮތުގައި ބޭނުންކުރުމަށްޓަކައި ފަލަސްޠީނުގެ 1،700 އެއްހައި މީހުންގެ ހަށިތައް، ޔަހޫދީ ދައުލަތުން ހިފަހައްޓަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މަޢުލޫމާތު އެނގޭ ޔަހޫދީ ދައުލަތުގެ އިސް މަސްދަރުތަކާ ޙަވާލާދީ ޔަހޫދީންގެ ނޫހަކުން ބުނި ގޮތުގައި، މި ޢަދަދުތައް ހާމަވެފައިވަނީ ޔަހޫދީ ދައުލަތުގެ ސަލާމަތީ އިދާރާތަކުގެ ތެރޭގައި އެންމެ ފަހުން ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކެއްގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔަހޫދީ ދައުލަތުގެ ނިރުބަވެރި އަސްކަރިއްޔާއިން ތާޢީދުކުރަނީ، ކުރިއަށް އޮތް ތަނުގައި ޔަހޫދީންގެ މީހަކު ރަހީނުކޮށްފި ނަމަ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި ބަދަލުގައި ބޭނުންކުރުމަށްޓަކައި، އެ ހަށިތައް ދޫނުކޮށް ހިފެހެއްޓުމަށެވެ.

އެ ނޫހުން ބުނި ގޮތުގައި، ޔަހޫދީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ ހަށިތަކަކީ 2023 އޮކްޓޯބަރު 7 ގައި ދިން ނިރުބަވެރި ހަމަލާތަކާއި، އޭގެ ފަހުން ހިނގި ކުރިމަތިލުންތަކުގައި ބައިވެރިވި ޣައްޒާގެ މީހުންގެ ހަށިތަކެވެ. ނަމަވެސް، އޭގެ ތެރޭގައި ހަނގުރާމައިގައި އެއްވެސް ވަރަކަށް ބައިވެރިވެފައިނުވާ އާންމު ރައްޔިތުންގެ ހަށިތައް ހިމެނޭކަންވެސް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ޤާނޫނީ މާހިރުން ދަނީ، ޔަހޫދީ ދައުލަތުގެ މި ޢަމަލުގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ސަލާމަތީ މަޖިލީހުން ވަކި ސިޔާސަތެއް ކަނޑަނާޅަނީސް، ހަނގުރާމައިގައި ބައިވެރިވިކަން ސާބިތުނުވާ މީހުންގެ ހަށިތައް ހިފެހެއްޓުމުގެ އެއްވެސް ބާރެއް ޔަހޫދީ ދައުލަތަށް ލިބިގެނެއްނުވެއެވެ.

ޔަހޫދީން ރަހީނުކޮށްފައިވާ ފަލަސްޠީނުގެ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމިޢިއްޔާތަކުން ބުނާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ދެކުނުގައި ހުރި އަސްކަރީ މަރުކަޒެއްގައި އެކަނިވެސް ޣައްޒާގެ 1،500 އެއްހައި މީހުންގެ ހަށިތައް ވަނީ ވަޅުލައިފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް 73،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 174،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ. އަދި މި ލާއިންސާނީ ޢުދުވާނުގައި ޣައްޒާގެ އުމްރާނީ ވަޞީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިކޮށްލައިފައެވެ.