ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތުގެ ގާތްގަޑަކަށް %70 ނިމިފައިވާކަމަށާއި މުޅި މަޝްރޫޢުގެ މަސައްކަތް ޑިސެންބަރު މަހުގެ މެދުތެރެއަށް ނިމޭނެކަމަށް ތައުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެސަރަޙައްދަށް ކުރެއްވި ޒިޔާރަތަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އެ މަސައްކަތްތަކުގެ އަދާހަމަ އެމަނިކުފާނު އޮޅުން ފިލުއްވާފައިވާއިރު ރައީސް ވަނީ ޢަރަބިއްޔާގައި ކިޔަވާ ބައެއް ދަރިވަރުންނާވެސް ބައްދަލުކުރައްވާ އެ ކުދިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ޑިސެންބަރު މަހުގެ މެދުތެރެއަށް މުޅި އިމާރާތުގެ މަސައްކަތް ނިންމައި އަންނަ ދިރާސީ އަހަރުގައި ކިޔަވައިދޭން ފަށާނެކަމަށެވެ.
ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް އެސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. ފައުންޑޭޝަން އެޅުމަށްފަހު މަސައްކަތް މިހާރު ފަށާފައިވާއިރު މަސައްކަތުގެ ގާތްގަޑަކަށް %70 ނިމެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ފުރަތަމަ 3 ފަންގިފިލާގައި ރޭނުމުގެ ހުރިހާ މަސައްކަތެއްކޮށް ކުލަލުމުގެ މަސައްކަތް ކުރަމުންދަނީ. ދެން ކުރިއަށް އޮންނާނީ ފިނިޝިންގެ މަސައްކަތްތައް" ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވައިދެނީ 2 ދަންފަޅިއަށެވެ. ވަޒީރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވަމުންދާ ކުދިންގެ ނިސްބަތަށް ބެލުމަށްފަހު އައު އިމާރާތަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމަކީ އަމާޒެއްކަމަށެވެ. ނަމަވެސް އެ ސްކޫލަށްވެސް ގިނަ ކުދިން ވަންނަ ނަމަ ދެ ދަންފަޅިއަށް ބަދަލުކުރަންޖެހޭނެކަމަށާއި މިކަމަށް ވަކި ގޮތެއް ނިންމޭނީ ނޮވެންބަރު މަހުގެ ތެރޭގައިކަމަށެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ. މީގެ އިތުރުން މި ސްކޫލަކީ އަންޑަރ ގްރައުންޑް ޕާކިންއާއެކު ތަރައްޤީ ކުރާ ފުރަތަމަ ސްކޫލެވެ. ސްކޫލްގައި މިހާރު ޕާކިންގެ ބައިވެސް ނިންމާފައިވާއިރު އެތަނުގައި 200 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭނެއެވެ.
ޢަރބިއްޔާ ސްކޫލްގެ އައު އިމާރާތެއް ތަރައްޤީކުރަނީ ކުރިން އެ ސްކޫލްގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން އައި އިމާރާތް ވަރަށްބޮޑަށް ރެނދުލާ އެ އިމާރާތުގައި ދަރިވަރުން ކިޔަވަން އެކަށީގެން ނުވުމުންނެވެ. އެއަށްފަހު އެ ދަރިވަރުންގެ ކިޔެވުން ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގަމުން އައި އިމާރާތަށް ބަދަލުކުރިއެވެ. ނަމަވެސް އެތަނުގެ ޖާގަ ކުޑަވުމާއި އެހެނިހެން މައްސަލަތަކާ ހުރެ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ކުރީގެ ދަރުމަވަންތަ ސްކޫލްގައެވެ.
ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް އައު އިމާރާތެއް ހޯދުމަށް މީގެ ކުރިން ކުރި މަސައްކަތުން އޭރުގެ ސަރުކާރުން ނިންމީ ކުރީގެ ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އެ ސްކޫލްގެ އިމާރާތް އެޅުމަށެވެ. ނަމަވެސް އެ ބިމުން ބައެއް ޖަމާލުއްދީން ސްކޫލަށް ދިނުމާއެކު އަނެއްކާވެސް ޖާގައިގެ މައްސަލަތައް ދިމާވެ، ދެ ސްކޫލް އެއް ސަރަޙައްދެއްގައި އަޅައިފިނަމަ އެ ސަރަޙައްދަށް ބާރު ބޮޑުވާނެތީވެ ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތް ޣިޔާޘުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަމްބަރުކޮށި އޮންނަ ބިމުގައި އެޅުމަށް މި ސަރުކާރުން ނިންމިއެވެ.