ހަތަރު އަހަރާއި ހަ މަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަށް ގެނައުމަށް އަމާޒުކޮށް ޔޫކްރެއިނުން އެމެރިކާއަށް އައު ހުށަހެޅުންތަކެއް ފޮނުވާފައިވާ ކަން ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެމެރިކާގެ އިސް ދެ މަންދޫބުން ކަމުގައިވާ ސްޓީވް ވިޓްކޮފާއި ޖެރަޑް ކުޝްނަރ ރަޝިޔާއާއި ޔޫކްރެއިނަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގެ ރިޕޯޓުތައް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ހަނގުރާމަ ދިގުދެންމުމުގެ ބަދަލުގައި ޢުދުވާންތައް ހުއްޓައިލުމަށް ރަޝިޔާއަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން އިތުރު ފިއްތުންތައް ކުރިމަތިކުރާނެ ކަމުގައެވެ. ނަމަވެސް، ޔޫކްރެއިންގެ އައު ހުށަހެޅުންތަކުގެ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ދެހާާސް ބާވީސް ވަނަ އަހަރު ފެށި މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް، މި އަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ވަނީ މަޑުޖެހިފައެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފެށީ ޞިހްޔޫނީން ރުއްސުމަށެވެ. ހަނގުރާމަ ހުއްޓައިލުމަށް ޔޫކްރެއިނުން އެދެމުންދިޔަ ނަމަވެސް، ރަޝިޔާއިން ބުނަނީ، އެ ކަން ކުރެވޭނީ ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް އެ ޤައުމަށް ދޫކޮށްލުމަށް ޔޫކްރެއިނުން އެއްބަސްވުމުން ކަމުގައެވެ.
މިއީ، ކުރިއަށް އޮތް ސެޕްޓެންބަރު މަހު ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. ޒެލެންސްކީ ވިދާޅުވީ، އެ އިންތިޚާބު ނިމުމާއެކު، ހަނގުރާމައަށް އިތުރު އެތައް ސަތޭކަ ހާސް ސިފައިން ފޮނުވުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ރާއްވަވާފައިވާ ކަމުގައެވެ. އަދި، 2027 ވަނަ އަހަރުގެ ކުރީކޮޅު، އެތައް ސަތޭކަ ހާސް އިތުރު ސިފައިން ފޮނުވުމަށް ވެސް ތައްޔާރުވަމުންދާ ކަމުގައެވެ. ނަމަވެސް، ރަޝިޔާ ސަރުކާރުގެ މަޞްދަރުތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
މި ދަނޑިވަޅުގައި ރަޝިޔާއިން ވަނީ އެ ޤައުމުން ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަން ކޮށްފައެވެ. އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ޚިދުމަތް ކޮށްފައިވާ ރޮބަރޓް ގިލްމަން މިނިވަން ކޮށްފައިވާ ކަން އިޢުލާނު ކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ބައްތިރީސް އަހަރުގެ ގިލްމަން ރަޝިޔާއިން މިނިވަން ކޮށްދީފައި ވަނީ "އިންސާނިއްޔަތަށް ޓަކައި" ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އޭގެ ބަދަލުގައި، އެމެރިކާއިން ހައްޔަރު ކޮށްފައިވާ ރަޝިޔާގެ އެއްވެސް އަސީރަކު މިނިވަން ކޮށްފައިނުވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ދެހާސް ބާވީސް ވަނަ އަހަރު ރަޝިޔާއިން ގިލްމަން ހައްޔަރު ކޮށްފައި ވަނީ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމަކާ ގުޅިގެންނެވެ. އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އޭނާ މިނިވަން ކޮށްދިނުމަށް އެމެރިކާއިން ދިޔައީ ބާރު އަޅަމުންނެވެ.