ޚަބަރު

"ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"


  • އިނގިރޭސިވިލާތަކީ ރާއްޖެއިން 2ވަނައަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމު

  • ޓެރިފް ކަނޑާލުމާއެކު ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބުނު

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުގެ ސަބަބުން ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ އިނގިރޭސިވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމާއެކު ރާއްޖޭގެ އެކްސްޕޯޓަރުންނަށް %20ގެ ކުރިއެރުމެއް ލިބުނުކަމަށެވެ. އޭގެ ސަބަބުން ރަނގަޅު އަގުގައި މަސް ގަތުމުގެ ފުރުސަތު އެ ކުންފުނިތަކަށް ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހޮރައިޒަން، އެންސިސް އަދި މިފްކޯ ފަދަ ކުންފުނިތަކުން ރަނގަޅު އަގުގައި މަސް ގަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް ގިނައިން އެކްސްޕޯޓްކުރަނީ އަމިއްލަ ކުންފުނިތަކުން ގަންނަ މަސް ކަމަށާއި އެކުންފުނިތަކުން މަސްވެރިންނަށް ރަނގަޅު އަގެއް ދޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މިހާރު މިފްކޯ އިން މަސް ކިލޯއެއް 20ރ. އަށް ވުރެ ދަށްކޮށް މަސް ނުގަންނަ ކަމަށާއި ބައެއް ފަހަރު މަސް ކިލޯއަކަށް 22ރ. ވެސް ދެމުން އަންނަކަމަށެވެ. މި ދުވަސްކޮޅު ޕްރައިވެޓް ކުންފުނިތަކުން މަސް ގަންނަނީ 21-22 ރުފިޔާ އާއި ދެމެދުގެ އަގެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރަނގަޅު ހަގީގީ ވާދަވެރިކަމެއް އުފެދިފައިވާކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން." މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މަހަށް ރަނގަޅު އަގެއް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. އެގޮތުން ޕްރޮސެސްކުރެވޭ މަހުގެ މިންވަރު މަދުކަން ފާހަގަކުރެއްވިއެވެ. އެކަން އެހެން މެދުވެރިވަނީ ދަޅުގައި މަސް ބަންދުކުރުމުގެ ގާބިލުކަން ވަކި މިންވަރެއްގައި ހިފެހެއްޓިފައިވުމާއި، މަސް ރައްކާކުރުމުގެ ގާބިލުކަން ހުރިގޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން 2ވަނަ އަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމަކީ އިނގިރޭސިވިލާތެވެ. އަދި ރާއްޖެއަކީ އިނގިރޭސިވިލާތަށް 9ވަނަ އަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމެވެ.

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި %20ގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ މެދުކެނޑިފައެވެ. ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިޔަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ.

އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.