ގައުމީ ދުވަސް

ޤައުމީ ދުވަހުގެ ފުރަތަމަ ކަމަކަށް ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރަން ޖެހޭ: ވަޒީރު ހީނާ


  • ޣާޒީ ބަންޑާރައިންގެ ހަނދާންތައް އާލާ ކުރުމުގެ ޤައުމީ މަޝްރޫޢަށް ވަނީ ޝުކުރު އަދާކޮށްފައި

  • ގައުމީ ސިފަތަކުން ސިފަ ލިބިގަތުމަށާއި، އެއްބައިވަންތަކަން އުފެއްދުމަށް ވަނީ ގޮވާލައްވާފައި

ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ހއ. އުތީމުގައެވެ. ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، އުތީމުގައި ޤައުމީ ދުވަސް ފާހަގަ މިކުރެވެނީ ޣާޒީ ބަންޑާރައިންނަށް އަދާކުރެވޭ ލޯތްބާއި އިހުތިރާމުގައިކަމަށެވެ. އެ ރަދުންނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް އެ ހަނދާންތައް އާލާކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަނީ އެ ޖިހާދާއި އެ ގުރުބާނީން މިޤައުމަށް ލިބުނު ނަސްރާ ނަސީބާ ބާއްޖަވެރިކަމަށް ޝުކުރު އަދާކޮށް ޖީލުތަކަށް އެ ހަނދާންތައް ދެމެހެއްޓުމަށްކަމަށެވެ.

ޤައުމީ އަމާޒަކަށް ހައްދަވައި، ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާ ކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަވައިދެއްވާކަމަށްޓަކައި ވަޒީރު ހީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.

ޤައުމީ ދުވަހަކީ ޤައުމުގެ ހުރިހައި ކަމެއްގެ މާނަ އޭގައި ހިމެނޭ ދުވަހެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ އިއްޔެއާއި މިއަދާ ގުޅުވައި މާދަމާއަށް ވިސްނައި، މި ދެމެދު މުރާޖައާކޮށް، މާދަމާއަށް ތައްޔާރުވުމުގެ ދުވަހެއްކަމަށް ވިދާޅުވިއެވެ. ޤައުމީ ދުވަހުގެ އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުންކަމަށް ވަޒީރު ހީނާ ވަނީ ވިދާޅުވެފައެވެ.

"ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކުރުން. ޤައުމު ބިނާކޮށް ޤައުމާއިގެން ކުރިއަށްދިއުމަށް ހިތްވަރު އާކުރުން. މިއީ ފުންޝުޢޫރަކާއި ހިތުގެ އެންމެ އަޑީން އުފެދޭ އިޚުލާސްތެރިކަމެއްގެ މައްޗަށް ބިނާވާ ފިކުރުތަކަކާއި ހަރަކާތްތަކެއް. މިއީ ހާލަތާ ގުޅޭގޮތުން ބަދަލުވަމުންދާ ކަންތައްތަކެއް. ރާއްޖޭގެ އަދުގެ ހާލަތުގައި ޤައުމީ ދުވަހާ ގުޅިގެން ވިސްނަން ޖެހޭނީ ޤައުމު ޤައުމަކަށްވީ ސަބަބުތަކާމެދު." ވަޒީރު ހީނާ ވިދާޅުވިއެވެ.

ޤައުމަކީ މީސްތަކުންގެ ޖަމާޢަތެއްކަމަށާއި، މިފަދަ ޖަމާޢަތެއް ޤައުމަކަށްވުމަށްޓަކައި ޝަރުތުކުރެވޭ އެތައް ކަމަކާއި އެތައް ސިފައެއް ހުންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ޤައުމު ޤައުމަކަށް ވެފައި ވަނީ ވެސް މި ޝަރުތުތައް ހަމަވެ އެ ސިފަތަކާއި ޝަރުތުތައް ނުހަނު ވަރުގަދަވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދުގެ ހާލަތުގައި އެކަންކަމަށް އެނބުރި ބަލާއިރު ކޮށްލަންޖެހޭ ބައެއް ސުވާލުތައް އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި ޤައުމު ޤައުމަކަށްވީ ސަބަބާއި، އެ ސަބަބު އޮތީ ކޮން ހާލަތެއްގައިތޯ ފަދަ ސުވާލުތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ހުރިހައިކަމެއް ގުޅުވައިގެން ބަލާއިރު ފެންނަނީ މިއިން ކޮންމެ ކަމެއްގެ ހާލަތު ބަދަލުވުމުގެ ކޮޅުމަތީގައި ވާތަން. މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެފައިވަނީ މި ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރާލުން. ޤައުމިއްޔަތު ދިރުވައި އާލާކޮށް އޭގެ ހަގީގީ މަގާމަށް އިއާދަކުރުމުގެ ސިޔާސަތެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިފަދަ ޤައުމީ މަގުސަދުތައް ހާސިލްކުރުމަށްޓަކައި." ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަނީ އަދުގެ ޒުވާނުންނަށް ޤައުމީ ސިފަތަކުން ސިފަ ލިބިގަތުމަށާއި، އެއްބައިވަންތަކަން އުފައްދައި އާލާކުރުމަށާ، ހުރިހައި މާނައެއްގައި އިތުބާރު އުފައްދައި އެ އިތުބާރު ދެމެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޤައުމީ ދުވަސް ފާހަގަކުރާއިރު، މާޒީން އިބްރަތް ލިބިގަތުމަށާއި، ޤައުމީ ސިޔާދަތު ދިފާއުކޮށް ނެގެހެއްޓުމުގެ ވިސްނުން އިސްކުރުމަށާ، މުޖުތަމައު ބިނާކުރުމާ ޤައުމީ ލޯބި އުފެއްދުމަށްވެސް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވަނީ އިލްތިމާސްކުރައްވާފައެވެ.