ޚަބަރު

ގުރައިދޫ އެއާޕޯޓް: ރަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަޝްރޫޢެއް


  • މިހާރު ކުރިއަށްދަނީ ބޮޑުހިލަ އަދި ޖިއޯ ބޭގް ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް

ދެހާހަށްވުރެ މީހުންގެ އާބާދީއެއް އޮންނަ ގުރައިދޫއަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަ ރަށެކެވެ. މާލެއިން މިރަށަށް ކަނޑުމަގުން ކުރާ ދަތުރެއްގެ ދިގުމިނަކީ 6 ގަޑިއިރެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އެރަށުގެ ރައްޔިތުން ހަރަކާތްތެރިވަމުން އަންނައިރު، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ނެތުމަކީ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެކެވެ. ޚާއްޞަކޮށް ވިއްސާރަ ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި ގުރައިދޫ ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ކަންބޮޑުވުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުން، ގުރައިދޫގައި އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 16 ނޮވެންބަރު 2024ގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ވަސީލަތްތައް 26 ޑިސެންބަރު 2024 ގައި ސައިޓަށް ގެންގޮސްފައިވާއިރު، މިހާރު ވަނީ މުޅި މަޝްރޫޢުގެ 81 އިންސައްތަ މަސައްކަތް ނިމިފައެވެ.

ޖުމްލަ 106.02 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރެވެޓްމެންޓް ޖެހުމުގެ އިތުރުން 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ބޮޑުހިލަ އަދި ޖިއޯ ބޭގް ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީވުމަކީ ރަށުގެ ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މި އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރަށް ލުއިލިބުމުގެ އިތުރުން، ރަށުގެ ގެސްޓް ހައުސް ވިޔަފާރިއަށާއި މުޅި ތ. އަތޮޅުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިއީ ތ. އަތޮޅުގައި ތަރައްޤީކުރާ 2 ވަނަ އެއާޕޯޓެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ ފަތުރުވެރިކަން ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދިއުމެވެ.

މި މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އެއަރޕޯޓް އެޅުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.