މޯލްޑިވްް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން މަސްވެރިންގެ ޕާކުގައި ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން 2 ގެ މަސައްކަތް ނިންމާ އެތަން ބޭނުންކުރަން ފަށައިފިއެވެ.
އެމްޓީސީސީންއިން ވިދާޅުވީ އެ ޕަމްޕް ސްޓޭޝަން ޤާއިމުކޮށް އެތަން ހުޅުވާފައިވަނީ އިއްޔެކަމަށެވެ. މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި ހުންނަ ޕަމްޕް ސްޓޭޝަން 1 ގެ މަސައްކަތް ނިންމައި، މާދަމާ އެ ތަން ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގާއިމުކުރެވުނު މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ފާހަގަކުރިއެވެ. އަދި މިއީ މަގުތަކުގައި ހެދޭ ފެން ހިންދުމަށް އެޅުނު ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފއިވެއެވެ.
މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު އާއި އެކު އެ ސަރަހައްދުގެ މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.