ކަޅުކަނޑުން ދަތުރުކުރާ އަމިއްލަ މުދާ އުފުލާ އުޅަނދުފަހަރަށް ދެފަރާތުންވެސް ހަމަލާދިނުން ހުއްޓާލުމަށް ޔޫކްރެއިނުން ރަޝިޔާއަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުމަކީ އެ ސަރަޙައްދުގެ ބަނދަރުތަކާއި އުޅަނދުތަކަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ހުށަހެޅި ހުށަހެޅުމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި މަޢުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޔޫކްރޭންގެ މި ހުށަހެޅުން ރަޝިޔާއަށް ފޮނުވާފައިވަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށެވެ.
ދުނިޔޭގެ ދަނޑުވެރި އުފެއްދުންތަކުގެ ބާޒާރުގައި މުހިންމު ދަޢުރެއް އަދާކުރާ ދެ ޤައުމު ކަމަށްވާ ރަޝިޔާއާއި ޔޫކްރެއިނުންވެސް ދަނީ އެއް ބަޔަކު އަނެއްބަޔަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދޭ ކަމަށް ތުހުމަތު ބަދަލުކުރަމުންނެވެ.
މިގޮތުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އޮޑެސާގެ ބަނދަރުތަކަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން، މުދާ އުފުލުމަށް އެހެން މަގުތައް ހޯދުމަށް ޔޫކްރެއިނަށް ވަނީ މަޖުބޫރުވެފައެވެ. އޮޑެސާއަކީ ގޮދަން އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބަނދަރެވެ.
ހަމައެއާއެކު، ޔޫކްރޭނުން ދިން ހަމަލާއަކާ ގުޅިގެން ރަޝިޔާގެ ނޮވޯރޯސީސްކް ބަނދަރުގެ ތިން ޓާމިނަލެއްގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުމުން، ރަޝިޔާގެ އެކްސްޕޯޓަށްވެސް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފައެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން ރަޝިޔާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އަލެކްސަންޑަރ ގްރުޝްކޯ ވިދާޅުވީ، ހަމަލާތައް ހުއްޓާލުމާ ގުޅޭ އެކި ވާހަކަތައް އިވެމުންދިޔަ ނަމަވެސް، މޮސްކޯއަށް އަދި މިހާތަނަށް އެއްވެސް ރަސްމީ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.
2022 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން، އދ އާއި ތުރުކީވިލާތް މެދުވެރިވެގެން އެކުލަވާލި ގޮދަން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުން ރަޝިޔާއިން ވަނީ 2023 ގައި އުވާލާފައެވެ. އޭގެ ފަހުން ޔޫކްރެއިނުން ކަނޑުގެ އަމިއްލަ މަގެއް ބޭނުންކުރަން ފެށި ނަމަވެސް، ފަހަކަށް އައިސް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެކްސްޕޯޓަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު، މި ހިނގާ އޯގަސްޓް މަހާ ހަމައަށް ޔޫކްރެއިނުގެ އެކްސްޕޯޓް ވަނީ 76 އިންސައްތަ ދަށްވެފައެވެ.