ޚަބަރު

ކުމުންދޫ އަތުން ބަލިވެ ނޮޅިވަރަންފަރަށް އިންތިޒާރެއް


  • މެޗުން ކުމުންދޫ މޮޅުވީ 0-1

  • ސެމީގެ ޖާގަ ޔަގީންވާނީ ކުމުންދޫއާއި ހަނިމާދޫ މެޗަށްފަހު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ މެޗުޑޭ 2ގައި ގްރޫޕް އޭގައި ކުމުންދޫ އަތުން ނޮޅިވަރަންފަރު ބަލިވެއްޖެއެވެ.

މިއީ ގްރޫޕް ސްޓޭޖުގައި ނޮޅިވަރަންފަރުގެ ފަހު މެޗެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ހަނިމާދޫ އަތުން ނޮޅިވަރަންފަރު ވަނީ މޮޅުވެފައެވެ. އެހެންކަމުން ކުމުންދޫ އަތުން އެއްވަރުކޮށްލައިގެން ވެސް ނޮޅިވަރަންފަރަށް ސެމީގެ ޖާގައެއް ހޯދެން އޮތެވެ.

ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުމުންދޫއާ ދެކޮޅަށް ކުޅެ ބަލިވުމުން، ދެން ނޮޅިވަރަންފަރަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ ކުމުންދޫއާއި ހަނިމާދޫ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ޙަސަން އެވެ.

މި ނަތީޖާއާއިއެކު ކުމުންދޫ، ހަނިމާދޫ އަދި ނޮޅިވަރަންފަރު ހިމެނޭ ހދ. އަތޮޅުގެ ގްރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ ކުމުންދޫއެވެ. އެއީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލާ އެކުއެވެ. ދެވަނައިގައި އޮތް ނޮޅިވަރަންފަރަށް ވެސް ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް ފައިދާ ގޯލެއް ނެތެވެ. ފުލުގައި އޮތް ހަނިމާދޫއިން އެއް މެޗު ކުޅެ ބަލިވެފައިވާއިރު ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި އަތޮޅުގެ ގްރޫޕް ބީގައި މިރޭ ކުޅޭނީ ކުރިނބީއާއި ނޭކުރެންދޫއެވެ. އެ މެޗުން ބަލިވެއްޖެނަމަ ނޭކުރެންދޫއަށް މުބާރާތް ނިމޭނެއެވެ. ނޭކުރެންދޫއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނައިވާދޫ އަތުން ބަލިވެފައެވެ.